17 Jul 2012, 15:19
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށާއި ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ ސަފީރު ކަމަށް ރާއްޖެ އިން ކަނޑައަޅުއްވަފައި ހުންނެވި ހެންވޭރު މާލޭތިލަ އަލީ ހުސައިންދީދީ (އަލިދީ) އެ ދެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަލިދީ އިސްތިއުފާދެއްވި ކަމުގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނު އެމަގާމުން ވަކިވެވަޑައިގެންފައި ވަނީ ޝަރަފުވެރިކަމާ އެކު ކަމަށެވެ.
ނަމަވެސް ބައެއް މީޑިއާތަކުގައި އަލިދީއާ ހަވާލާދީ ބުނެފައި ވަނީ އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މި ވަގުތު ކަންތައްތައް ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ދަތިތަކާ ކުރިމަތިވަމުން ދާތީ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް އޮފީހަށް އަލިދީ ފޮނުއްވި ސިޓީގައި ވަޒީފާ އިން އިސްތިއުފާދެއްވުމަށް އޭނާ ނިންމެވި ކަމަށް ވިދާޅުވެފައިވާ ސީދާ ސަބަބެއް ނުބުނެ އެވެ.
އަލިދީއަކީ 29 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އަލިދީ ވަނީ ސްރީލަންކާއަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ތިން އަހަރު ފުރުއްވައިފަ އެވެ. އަދި އޭނާ ސަފީރުކަމުން މިއަދު އިސްތިއުފާ ދެއްވި އިރު އޭނާ ވަނީ އީޔޫ އާއި ބެލްޖިއަމްގެ ސަފީރު ކަމުގައި ދޮޅު އަހަރު ހޭދަކުރައްވައިފަ އެވެ.