މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މާލެ ސަރަހައްދުގައި ދޭ ބަހުގެ ޚިދުމަތް، ކުރިޔަށް އޮތް ރޯދަމަހު ފަށާނީ ހެނދުނު ހަތެއް ޖަހާއިރު ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން ވަނީ ކުރިޔަށް އޮތް ރޯދަމަހު ބަހާއި ފެރީތައް ދަތުރުކުރާ ގޮތުގެ ތާވަލް ނެރެފައެވެ.

ރަމަޟާން މަހުގެ ފެރީ އަދި ބަސް ދަތުރުތަކުގެ ތާވަލު ލިންކު:https://t.co/739eTK2dmg

އެމްޓީސީސީން ބުނީ, ރޯދަމަހު މާލެ ސަރަޙައްދާއި، މާލެއިން ހުޅުމާލެ ފިޔަވަހި-1 އަަށް އަދި ހުޅުމާލެ ފިޔަވަހި-2 އަކަށް ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު ހަތެއް ޖަހާއިރު ކަމަށެވެ. އަދި ރޯދަ ވީއްލާ ވަގުތަށް، ހަވީރު ފަހެއް ޖަހާއިރު މެދުކަނޑާލާނެކަމަށެވެ. އެއަށްފަހު ދަތުރުތައް ފަށާނީ ރޭގަނޑު 19:20 ގައި ކަމަށާއި އެ ދަތުރުތައް 12:00 އާއީ ހަމައަށް ކުރިޔަށް ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލެ ތެރޭގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތަށް ބަލާއިރު، އޮކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ވެސް ހަމަ ފަށާނީ ހެނދުނު ހަތެއް ޖަހާއިރު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން:

  • ރޯދަ ވީއްލާ ވަގުތަށް 18:00 ޚިދުމަތް މެދުކަނޑާލާނެ

  • އޭގެ ފަހުން ދަތުރުތައް ފަށާނީ 21:00 ޖަހާއިރު
  • އެ ރޫޓުތަކުގެ ދަތުރުތައް ރޭގަނޑު 12:00 އާ ހަމައަށް ކުރިޔަށް ދާނެ

އެމްޓީސީީސީ ފެރީގެ ޚިދުމަތް 20 އަތޮޅެއްގައި ދޭއިރު، ދަތުރުތައް ހުންނާނީ ވީހާ ވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ކޮންމެ ރޫޓެއްގެ ވެސް ފަހު ދަތުރު އިރުއޮއްސުމުގެ ކުރިން ނިންމާނެ ކަމަށާއި، އަދި އޭގެ އިތުރުން ރޯދަ މަހު އެއްވެސް ހުކުރެއްގައި ފެރީ ދަތުރު ނޯންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ އާރުޓީއެލް ފެރީ:----ސަން ފައިލް ޕޮޓޯ

ފެރީ ދަތުރުތަކާއި ބަސް ދަތުރުތަކުގެ ތާވަލް އެމްޓީސީސީގެ ވެބްސައިޓުން ފެންނާނެއެވެ.

އެމްޓީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރުހިފޭ، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި އަބަދުވެސް ދެމި އޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.