ރައީސް މުހައްމަދު ނަޝީދުގެ ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި ދައުލަތުން މަހަކު 50،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ދޭންޖެހޭ އިނާތްތައް ރައީސް ނަޝީދަށް ދެއްވަން ފަށައިފައިވާ ކަމަށާއި އެގޮތުން މިހާތަނަށް އެމަނިކުފާނަށް ދައުލަތުގެ ބަޖެޓުން 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މާލީ ބަޔާނުގައި ބުނެފައިވާ ގޮތުގައި ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި ދުވަހުން ފެށިގެން އެމަހުގެ ބާކީ އޮތް 23 ދުވަހުގެ ތެރޭގައި ނަޝީދުގެ އޮފީސް ހިނގެވުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން 1،34،166.67 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އެދުވަސްވަރު ނަޝީދުގެ މާލީ އިނާޔަތުގެ ގޮތުގައި 38،333.33 ރުފިޔާ އާއި ދިރުއުޅުއްވުމުގެ ހަރަދުގެ ގޮތުގައި 38،333.33 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އޭގެފަހުން މާޗް މަހާއި އެޗްރީލް މަހާއި މެއި މަހާއި ޖޫން މަހުގެ އިތުރުން މިހިނގާ ޖުލައި މަހުގެ ވެސް ރައީސް ނަޝީދުގެ އޮފީސް ހިންގެވުމުގެ ހަރަދަށް 1،75،000ރ ދީފައިވާއިރު މި މުއްދަތުގައި ރައީސް ނަޝީދަށް މާލީ އިނާޔަތުގެ ގޮތުގައި 50،000ރ އަދި ދިރުއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި ވެސް 50،000ރ ދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރައީސް އޮފީހުން އާއްމުކޮށްފައިވާ އެބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި މިހާތަނަށް ދައުލަތުން 2،88،333.33ރ ދީފައިވާއިރު ދިރިއުޅުއްވާތަނުގެ ހަރަދުގެ ގޮތުގައި ވެސް 2،88،333.33 ވަނީ ހަރަދުކޮށްފަ އެވެ. އަދި ރައީސް ނަޝީދުގެ އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި 1،009،166.69ރ ވަނީ ހަރަދުކޮށްފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ ބޭސް ފަރުވާގެ ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމުހުރިއްޔާ ކަން ކުރައްވާފައިވާ ފަރާތަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއިބެހޭ ގާނޫނުގެ ތިން ވަނަ މާއްދަގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމުހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50000ރ. ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި ރައީސުލް ޖުމުހުރިއްޔާކަން އެއް ދައުރަށް ވުރެ ގިނަ ދައުރު ކޮށްފައިވާ މީހަކަށް 75000 ރުފިޔާ ދައުލަތުން ދޭންވާނެ ކަމަށެވެ.