ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވެވި ލަފާ ބޮލާލާޖެއްސެވީ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުކޮށްލައިފިއެވެ.

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ހުށަހެޅި ބިލް ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅީ އިއްޔެއެވެ. އެއާއެކު އިއްޔެ ހަވީރު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ވަނީ އެ ބިލު ފާސްކޮށްފައެވެ. ނަމަވެސް އެ ބިލާމެދު ފިލްޒާގެ ހުރި ކަންބޮޑުވުންތަކެއް ހުށަހެޅުއްވުމުން ކުއްލި ކޮމިޓީ ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ.

އެ ބިލާމެދު ފިލްޒާ ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރެވޭނީ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކޮށްގެން ކަމަށެވެ. އެހެންކަމުން ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ހާލަތުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އެ ފަނޑިޔާރުން ވަކިކުރުން އިންސާފުވެރިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ޖުޑިޝިއަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރުވަނީ ކައުންސެލް ޖެނެރަލްގެ ލަފައަށް ގޮތެއް ނުނިންމާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ކައުންސިލް ޖެނެރަލްގެ ލަފައާ މެދު އަމަލުކުރަންޖެހޭ ގޮތް އޮޅުން ފިލުވާލަން ބޭނުންވޭ. ކައުންސިލް ޖެނެރަލް ކަންބޮޑުވެވަޑައިގެން ބިލުގަ ހުރި މައްސަލަތަކާ ބެހޭގޮތުން އެކަމަނާގެ ގާނޫނީ ލަފާ ކޮމިޓީއަށް ހުށަހެޅި. އެހެންނަމަވެސް ކޮމިޓީގަ އެކަންކަމަށް ރިއާޔަތްނުކުރައްވައި މަޖިލީހުގެ ތަޅުމުން އެކަމަށް ގޮތެއް ނިންމުމަށް ފޮނުވާލި،" ނުރުހުން ފާޅުކުރައްވައި މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެ ލަފައަށް ކޮމިޓީން ގޮތެއް ނުނިންމައި ތަޅުމަށް ފޮނުވުމުން ތަޅުމުން އެ ލަފައަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް އަބްދުއްރަހީމް ވަނީ އެއީ ތަޅުމުން ކުރަންޖެހޭ ކަމެއް ނޫން ކަަމަށް ވިދާޅުވެފައެވެ.

"މަޖިލިސް ގަވާއިދު ބުނާ ގޮތުން ކައުންސެލް ޖެނެރަލް ކޮމެންޓު ކުރައްވަން ޖެހޭނީ ކޮމިޓީއަށް. އެއީ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ޖެހޭ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ތަކުރާރުކޮށް މައުރޫފް އެ މައްސަލަ ފާހަގަކުރުމުން ވެސް ރިޔާސަތުން އެކަމަށް މާބޮޑު އަޅާލުމެއް ދީފައެއް ނުވެއެވެ.

އެއާއެކު ޖުޑީޝިއަރީ ކޮމެޓީގެ މުގައްރިރު, މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީމުބާރިކު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ އެމްޑީޕީއިން ދައްކަނީ ދޮގު ވާހަކައެއް ކަމަށާއި އެ ބިލް ކޮމެޓީން ފާސްކުރީ އެ ލަފާ ބެއްލެވުމަށް ފަހުގައި ކަމަށެވެ. މެންބަރުން ނިންމެވީ އެ ލަފާ އެގޮތަށް އޮތް ނަމަވެސް ބިލް ފާސްކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ހުސްނީމުބާރިކު ހެއްދެވީ އިތުރުފުޅެއް ކަމަށާއި ކޮމެޓީން ނިންމީ ފިލްޒާގެ ކޮމެންޓާ މެދު ތަޅުމުން ގޮތެއް ނިންމުމަށް ކަމަށެވެ.

އެއާއެކު އެމްޑީޕީގެ ހުރިހާ މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަކުރަން ފަށައިފައެވެ. މަޖިލިސް ހޫނުވުމާއެކު ރިޔާސަތުން ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ އިތުރުން މައުރޫފްގެ ނަން އިއްވަވާފައެވެ.

އަދި ތަޅުމުން ނުނިކުމެ އެ މެންބަރުން އަޑުގަދަކުރުމާއެކު މަޖިލީހުގެ ސެކިއުރިޓީން ވަނީ އެ މެންބަރުން ތަޅުމުން ނެރެފައެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ދެ ހާލަތެއް މެދުވެރި ވެގެންނެވެ. އެއީ:

ފަނޑިޔާރަކު އެ މަގާމަށް ޤާބިލު ނޫންކަމަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން.

ނުވަތަ އެ މަޤާމާ އެކާށީގެންނުވާ ފަދަ އަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޤަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން.

ފިލްޒާ ވިދާޅުވީ، މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ޖެހިއްޖެ ހާލަތެއްގައި ފަނޑިޔާރެއްގެ ގާބިލުކަމާމެދު ޖޭއެސްސީން ސުވާލު އުފައްދާފައި ނުވާ ފަނޑިޔާރުން ގާބިލުނޫން ކަމަށް ކަނޑައަޅަން ޖެހޭ ހާލަތެއް އުފެދޭނެ ކަމަށެވެ.

އެ ފަނޑިޔާރަށް ދިފާއުގައި ޖަވާބުދާރީ ވާނެ ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިފަދައިން ފަނޑިޔާރުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްތޯ ފިލްޒާ ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުން އިނާޔަތްތަކެއް ދޭ ކަމަށާއި ފަނޑިޔާރުކަމުގެ ޤާބިލުކަން ނެތްކަމަށް ޖޭއެސްސީން ކަނޑައަޅައިގެން ވަކިކުރާ ފަނޑިޔާރުންނަށް މިފަދަ އިނާޔަތެއް ދިނުމަކީ ދެކޮޅުޖެހޭ އުސޫލެއް ކަމަކަށް ނުފެންނަ ކަމަށް ވެސް ފިލްޒާގެ ލަފާގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައިފައިވާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް އެ ބިލު ފާސްކުރުމުގައި ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވަން ދެކޮޅުހެއްދެވިއިރު، އިއްޔެ އެ ބިލް ކޮމިޓީއަށް ފޮނުވަން ނެގި ވޯޓުގައި ބައިވެރިނުވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

ނަމަވެސް އަނާރާ މިއަދު ތަޅުމުގައި ވަނީ އެ ބިލް ފާސްކުރަން ވޯޓް ދެއްވައިފައެވެ.

ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.