އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓްގެ (އައިއެންއައިއޭ) ގެ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޓަވަރުގެ ރާޑަރުގެ މަސައްކަތް ހުއްޓިއްޖެ އެވެ.

އެއާޕޯޓްސް ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު އިބްރާހިމް މިއަދު ވިދާޅުވީ ރާޑަރަށް އެ މައްސަލަ ދިމާވެފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށާއި އެ ރާޑަރު އުފެއްދި ކުންފުންޏާ ވާހަކަ ދައްކައިގެން ރާޑަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެނަކަށް އަދި ނޭނގޭ ދިމާވީ ކޮންކަހަލަ މައްސަލައެއް ކަމެއްވެސް، އަޅުގަނޑުމެން މިދަނީ ރާޑަރު އުފެއްދި ކުންފުއްޏާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ރާޑަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނީ ކޮންއިރަކުން ދަންނަނަވަން އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ހައްލުކުރެވެންދެން މެނުއަލް ޕްރޮސީޖާއެއްގެ ދަށުން މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓްތަކުގެ ދަތުރުތަކަށް އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށެވެ.

އެ ރާޑަރު ސިސްޓަމަކީ ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކާއި މާލޭ އެއާޕޯޓަށް ޖައްސާ ބޯޓު ފަހަރަށް ލިބޭ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން 2010 ވަނަ އަހަރު ގާއިމްގޮށްފައިވާ ރާޑަރު ސިސްޓަމެކެވެ. އެރާޑަރު ސިސްޓަމުގެ އެހީގައި 220 އަކަމޭލު ސަރަހައްދުގައި ދަތުރުކުރާ މަތިންދާ ބޯޓުގެ ތައް ބެލުމުގެ ގާބިލްކަން ލިބިގެންވެ އެވެ.