މިއަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ބައިވެރިއެއްގެ ގައިގައި ފައިން ޖަހައި މާރާ މާރީ ހިންގި ކަމުގެ ތުހުމަތުގައި ޕޮލިސް ސްޓޭޝަން އިނިސްޕެކްޓަރު އަލީ އަހުމަދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 3:00 އެހާކަންހާއިރު އެމްއެމްއޭ ސަރަހައްދުގައި އޮތް މުޒާހަރާއެއްގައި އެ ސަރަހައްދުގެ އަމަން ބެލެހެއްޓުމަށް ފުލުހެއްގެ ހައިސިއްޔަތުން އަލީ އަހުމަދު ހަރަކާތްތެރި ވަމުން ދަނިކޮށް އެ ސަރަހައްދު ހަލަބޮލިވި ވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް ގދ. ފަރެސްމާތޮޑާ، ގަނދަކޯޅިގޭ، މުހައްމަދު ނިޔާޒުގެ ގައިގައި އޭނާ ފައިން ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗި ގެންގުޅުން މާނާކުރުމުގެ ގާނޫނޫގެ ދެ ވަނަ މާއްދާގެ (ހ) އާއި (ނ) އާއި ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން މީހެއްގެ ހަށިގަނޑަށް ގެއްލުން ދިން ކަމުގެ ދައުވާ ކަމަށެވެ.

ދައުވާ އިއްވުމުން އަލީ އަހުމަދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި އެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ އޭނާގެ ވަކީލު އާދަމް އާސިފު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ.

ވަކީލު ވިދާޅުވީ މީހެއްގެ ގައިގައި ފައިންޖަހައި މާރާމާރީ ހިންގި ކަމަށް ބުނެ ބިރު ދެއްކުމާއި ނުރައްކާތެރި ހަތރިޔާރާއި ތޫނު އެއްޗި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށެެވެ. އަދި އެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި އިޖުރާއީ ނުކުތާއެއް ވެސް އާސިފު ވަނީ ނަންގަވާފަ އެވެ.

ވަކީލު ވިދާޅުވީ އެފަދަ މައްސަލައެއްގައި ދައުވާ ކުރާނަމަ ގާނޫނުލް އުގޫބާތުގެ 126 ވަނަ މާއްދާގެ ދަށުން މާރާމާރީ ހިގުމުގެ ދައުވާ ވެސް ކުރެވިދާނެ ކަމަށެވެ. ނޫންނަމަ އޭނާއަކީ ފުލުހަކަށްވީތީ ފުލުހުންގެ ގާނޫނުގެ ދަށުން ވެސް ދައުވާ ކުރެވިިދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެ އިޖުރާއީ ނުކުތާއާމެދު ނިންމާގޮތް ހާމަކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.

އަލީ އަހުމަދުގެ މައްޗަށް ދައުލަތުން މިހާރު ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބަކީ ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.