17 Jul 2012, 14:10
އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި މިލިޓަރީ ކޯޓެއްގައި ދައުލަތުން ދައުވާ އުފުލި ނަމަ ސިފައިންގެ ހިދުމަތުން ވަކިވެ ވަޑައި ނުގެން ކޯޓަށް ވަޑައިގަންނަވާނީ ސިފައިންގެ ޔުނީފޯމްގައި ތުރުކުރައްވައިގެން ކަމަށް ސަދަން ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް އިބުރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބްރިގޭޑިއާ މިހެން ވިދާޅުވިއިރު އިސް ގާޒީގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މައްސަލަ ހުޅުމާލޭ ކޯޓަށް ވަނީ ވައްދާފަ އެވެ. އަދި މައްސަލަ ހުށަހެޅުމާއެކު އިއްޔެ އޭނާ ވަނީ ސިފައިންގެ މަގާމުން އިސްތިއުފާ ހުށަހަޅުއްވާފަ އެވެ.
އިބްރާހިމްދީ އިސްތިއުފާ ހުށަހެޅުއްވީ ސިފައިންގެ ހިދުމަތުގައި 32 އަހަރު ހޭދަ ކުރެއްވުމަށްފަހު އެވެ
އިބްރާހިމްދީ ސަން އޮންލައިނަށް މިއަދު އިންޓަވިއު ދެއްވަމުން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ދައުވާ މިލިޓަރީ ކޯޓަކުން ބަލާނަމަ އޭނާ ކޯޓަށް ވަޑައިގެންނަވާނީ ސިފައިންގެ ޔުނީފޯމް ތުރުކުރައްވައިގެން ކަމަށާއި އިސްތިއުފާ ދެއްވާ، ޔުނިފޯމް ބަލާން ނިންމެވީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަ މަދަނީންގެ ކޯޓެއް ކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ނިންމުމުން ސިފައިންގެ ޔުނީފޯމުގެ އަގަށް ޓަކައި ކަމަށެވެ. އަދި ވިދާޅުވީ ތުރުކުރެއްވި ސިފައިންގެ ޔުނީފޯމް ބޭލުމަށް ފަހު އެކޯޓަށް ވަޑައިގަތުމަށް ބޭނުންފުޅުވަނީ ވެސް ސިވިލިއަނުންގެ ހެދުންކޮޅެއްގައި ކަމަށެވެ.
"އަޅުގަނޑުގެ ކޮންމެވެސް މައްސަލައެއް އުޅޭތީ ދެއްތޯ ޕްރޮސިކުޓާ ޖެނެރަލް ދައުވާ ކުރައްވާނީ. އެހެންވީމަަ އަޅުގަނޑުގެ 32 އަހަރުގެ އެޅި ޔުނިފޯމްގެ އަގަށް ޓަކައި ޔުނީފޯމް ބާލައި އެއްކައިރީގައި ބާއްވާފައި ސިވިލިއަނުންގެ ހެދުމެއްގައި މަދަނީންގެ ކޯޓަކަށް ދާން ބޭނުންވަނީ،" އިބްރާހިމްދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރާ މައްސަލަ ފަދަ މައްސަލަތައް ބަލަން މިލިޓަރީ ކޯޓެއް އުފެއްދުމަކީ ސަރުކާރަށް އެހާ އުނދަގޫ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަ ބަލަން މިލިޓަރީ ކޯޓެއް ނުހެއްދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"މިލިޓަރީ ކޯޓެއްގައި ދައުވާ ކުރިނަމަ އަޅުގަނޑު ޔުނިފޯމްގައި ހުންނާނީ. މިލިޓަރީ ކޯޓަކީ ކޮންމެހެން އިމާރާތެއް ނޫން. ކޯޓެއް ހަމަ ހެދީމައި ހެދޭނެ. އެއީހަމަ ކުރެވޭނެ ކަމެއް އަޅުގަނޑު ދެކޭ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.
އިބްރާހިމްދީ ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރިއިރު މާލޭ އޭރިޔާގެ ކޮމާންޑަރަކަށް އޭނާ ހުންނެވި ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާގެ އަސްލު ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށައި ދައުވާގެ އަސްލު އެނގިވަޑައިގަންނަވާނީ ޕީޖީއަށް ކަމަށެވެ. އިސް ގާޒީ ހައްޔަރުކުރުމުގައި އެއްވެސް ވަރެއް ބައިވެރިވެ ވަޑައިގަތުމެއް އޮންނާނެތޯ ސުވާލު ކުރުމުން ވިދާޅުވީ މި މަރުހަލާގައި އެކަމާ ގުޅިގެން އެއް ވެސް ނޫސްވެރިޔަކަށް އެވެސް އެއްޗެއް ވިދާޅުވެ ދެއްވަން ބޭނުންފުޅު ކަމަށެވެ.
"ތިކަމާ ގުޅިގެން އެއްވެސް އެއްޗެއް ދަންނަވާކަށް ބޭނުމެއް ނޫން. [ތިކަމާ ގުޅިގެން] އެއްވެސް ނޫސް ރިޕޯޓަރަކަށް ވެސް އަދި އެއްވެސް ނޫހަކަށް ވެސް އެއްޗެއް ދަންނަވާކަށް ބޭނުމެއް ނޫން. އަޅުގަނޑު ދަންނަވާނީ ﷲ އިރާދަކުރައްވައިގެން ކޯޓުން ފަނޑިޔާރު ހުކުމް ކޮށް ނިންމާ ނިންމެވުމަކާ ގުޅިގެން އަޅުގަނޑު ދަންނަވަން ޖެހޭ އެއްޗެއް ދަންނަވާނަމޭ! މިވަގުތު އެއްވެސް އެއްޗެއް ދަންނަވާކަން ބޭނުމެއްނޫން!" އިބްރާހިމްދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް އިންސާނަކީ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރެވޭނެ މީހެއް ނޫން ކަމަށާއި ހުރިހާ އެންމެންނަށް އެންމެ ރަނގަޅަށް ކަންކަން ނުކޮށް ދެވޭނެކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި މީގެ ކުރިންވެސް ގައުމަށް ހިދުމަތް ކުރެއްވުމުގައި ހުންނެވީ ވަރަށް ސާބިތު ކަމާއެކު ކަމަށައި ކުރިއަށް އޮތްތާގައި ސިޔާސީ މީހަކަށް ނުވެ އަދިވެސް ލަޔާގަތާއި ގާބިލިއްޔަތު ތަންދިން މިންވަރަކަށް ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.
" އެއްވެސް އިންސާނަކީ ޕާފެކްޓް މީހެއްނޫން. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެން އެއްވެސް މީހަކަށް، ކޮންމެހެން ނަން ކިޔާނެ ކަމެއް ނެތް ހުރިހާ ކަމެއް އެންމެ ރަނގަޅަކަށް ނުކުރެވޭނެ. ކްރިޓިސައިޒް ކުރާނެ ނެގެޓިވް ކޮށް ވެސް ކޮންސްޓްރެކްޓިވްކޮށްވެސް ކުރެވިދާނެ. ބައިވަރު ކަންތަން ކުރެވިފައި ހުންނާނެ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް. އަޅުގަނޑުމެން އަމިއްލައަށް ހަދާ ގާނޫނޫތަކުގައި ވެސް މައްސަލަ އެބަހުރި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހުރިހައި އެންމެންނަށް ވެސް މިސްޓޭކް ހެދޭނެ. އެހެންވީމަ އެއްވެސް އެއްޗެއް ދަންނަވަން ބޭނުންނުވަނީ،" .
އޭނާ ވިދާޅުވީ ސިފައިންގެ ހިދުމަތުން ދުރަށް ވަޑައިގަންނެވި ނަމަވެސް އެކަމާ އަސަރު ނުކުރާ ކަމަށާއި ސިފައިންނަކީ ދިމާވެދާނެ ކޮންމެ ކަމަކަށް ވެސް ތައްޔާރުވެތިބޭ ބައެއް ކަމަށެވެ. ކޮންމެވެސް ދުވަހަކުން ސިފައިންގެ ހިދުމަތާ ދުރަށްދާން ޖެހިވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ޝަރީއަތުން އޭނާ ގެ މައްޗަށް ކުށް ސާބިތު ނުނިނަމަވެސް އަލުން މަގާމަށް ވަޑައިގެންނެވުމަކީ އޭނާ ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނދު އިސްތިއުފާ ދިނުމަށް ފަހު ދެން އަލުން މަގާމަށް އައުމަކީ ހަމަޖެހޭ ކަމެއްނޫން އެހިސާބުން އެކަން އެނިމުނީ،"
އިބްރާހިމް ދީއަކީ ސިފައިންގެ ހިދުމަތާއި ގުޅިވަޑައިގެންނެވުމަށް ފަހު ދުނިޔޭގެ އެކި ގައުމުތަކުގައި މަޝްހޫރު މިލިޓަރީ އެކަޑަމީތަކުން ތައުލީމި ހާސިލްކޮށް މިލިޓަރީ ރޮނގުން މަތީ ވަނަތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ 1988 ވަނައަހަރުގެ ނޮވެމްބަރު ތިނެއްގައި ނުރައްކާތެރި އުދުވާނުން ރާއްޖެ ސަލާމަތް ކުރުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ އެދުވަހުގެ ބަތޮލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ގައުމީ ދިފާއީ ބާރުން ބުނެފައި ވަނީ އިބްރާހިމްދީ އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ ޝަރަފުވެރިި ކަމާއެކު ހިދުމަތުން ރިޓަޔާ ކުރައްވަން ކަމަށައި އެކަން ކުރިޔަށްއެބަދާ ކަމަށެވެ