17 Jul 2012, 13:33
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު 22 ދުވަސް ވަންދެމް ކ. ގިރިފުށީގައި ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ސިފައިންގެ އިތުރު ދެ އޮފިސަރެއްގެ މައްޗަށް ވެސް ޝަރީއަތް ހިންގަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މޫސާ އަލީ ޖަލީލުގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެ ތިން ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށެއް ނުކުރާ މީހަކު ގާނޫނާއި ޚިލާފަށް ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ދައުވާ ކަމަށެވެ.
ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.
ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު އޭނާ ވަނީ ސިފައިންގެ ވަޒީފާއިން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ފުލުހުން ކުރި ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވި އިރު އެދިފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ.
އެ މައްސަލައިގައި ހިޔުމަން ރައިޓްސް ކޮމިޝަނުން ކުރި ތަހުގީގު ރިޕޯޓު ޕީޖީ އޮފީހަށް ފޮނުވިއިރު އެ މައްސަލަ ތަހުގީގު ކުރި އިރު އެ ކޮމިޝަނުން ނަގާފައިވާ ބަޔާންތައް ވެސް ޕީޖީ އޮފީހަށް ފޮނުވި އެވެ.
ރައީސް ނަޝީދު ފުލުސް އޮފީހަށް ވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް ތަލްހަތު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގަން އުޅުމުން އޭނާ ވަނީ ހަނު ހުރުމުގެ ހައްގު ބޭނުން ކުރައްވާފަ އެވެ. ނަމަވެސް އެ މައްސަލައިގައި އެ ދެ ބޭފުޅުން ހިޔުމަންރައިޓްސް ކޮމިޝަނަށް ހާޒިރުކުރުމުން ދެ ބޭފުޅުން ވެސް ވަނީ އެ ކޮމިޝަންގެ ތަހުގީގަށް ބަޔާނެއް ދެއްވާފަ އެވެ.
ރައީސް ނަޝީދާއި ތަލްހަތުގެ މައްޗަށް ވެސް ދައުވާ ކުރަނީ ކުށެއް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ދައުވާ އެވެ.
ރައިސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް ޖަވާބުދާރީ ވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި ކޮންމެ ވަގުތަކު ކޯޓަށް ހާޒިރުވާން އެންގި ނަމަވެސް ކޯޓަށް ހާޒިރުވާން ތައްޔާރަށް ހުންނެވި ކަމަށެވެ.