23 Aug 2010, 19:17
00:16
އައްޑު އާއި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި، ސ. މީދޫގައި ފެންބޮޑުވެ، ބައެއް ގޭގެއަށަށާއި ތަކެއްޗަށް ގެއްލުންވެއްޖެ އެވެ.
މީދޫ ކައުންސިލަރު ހަސަން ޝާހިދު ވިދާޅުވީ އެ އަތޮޅަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މީދޫގެ 30 ގެއަކަށް ފެންވަދެފައިވާ ކަމަށެވެ. އަދި އެގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި ނިދޭ ވަރަށް ވުރެވެސް ބޮޑަށް ގެއަކަށް ފެންވަދެ އެއްޗިއްސަށް ގެއްލުންވެފައި ވާތީ އެރަށުގެ އެއް އާއިލާއެއް އެހެން ގެއަކަށް ބަދަލުވެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފެއްގެ ސަބަބުން އިއްޔެއިން ފެށިގެން އައްޑު އަތޮޅަށާއި ފުވައްމުލަކަށް ވިއްސާރަ ކުރަމުންދާ ކަމަށާއި އަދި އެކަމާ ގުޅިގެން ނެރެފައިވާ ރީނދޫ އެލާޓްގެ ވަގުތު ހަމަވެގެން ހުދު އެލާޓެއް ނެރެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލަޖިކަލް ސާވިސް އިން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިކަލް ފޯކަސްޓާ އަޒީމާ އަހުމަދު ވިދާޅުވީ އިއްޔެ ހެނދުނު 8:00 އިން މިރޭ 8:00 އާ ހަމައަށް އައްޑު އަތޮޅަށް 123 މިލިމީޓަރުގެ ވާރެވެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރަށް ވެސް ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފްގެ އަސަރު ކުރާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ އައްޑުއަށް ކަމަށެވެ.