17 Jul 2012, 13:11
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ދައުވާ ކުރަން ހުޅުމާލޭ ކޯޓަށް ފޮނުވީ އެ މައްސަލައަކީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ސީދާ ގުޅުންހުރި މައްސަލައަކަށްވުމުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމަކީ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެންނާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ސިފައިން އިސް ގާޒީ، ރ. ހުޅުދުއްފާރު ބަހާރުގޭ، އަބްދުﷲ މުހައްމަދު، ހައްޔަރުކޮށް ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށީގައި ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ 16، 2012 ގައެވެ. އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގުތަކަށްފަހު މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ނިންމަވާފައިވަނީ ކުރީގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ، މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސްފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ ފޮނުއްވާފައި ވަނީ މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށެވެ. އެކޯޓަށް އެ މައްސަލަ ފޮނުއްވި ސަބަބު ބަޔާންކޮށް ޕީޖީ އޮފީހުން މިއަދު ވަނީ ބަޔާނެއް އާންމު ކުރައްވާފަ އެވެ.
އެބަޔާން ބުނާ ގޮތުން އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ފޮނުވީ އެ މައްސަލައަކީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސީދާ މައްސަލަހަތު ހިމެނޭ ދައުވާއަލަށް ވުމުން ކަމަށެވެ. އަދި ކްރިމިނަލް ކޯޓްގެ އިސް ގާޒީއާ ސީދާ ގުޅުން ހުރި މައްސަލައެއް އެ ކޯޓަށް ފޮނުވުމަކީ މަސްލަހަތުގެ އެންމެ ރަނގަޅު ގޮތް ކަމަށް ޕީޖީ އޮފީހަށް ނުފެންނާތީ ކަމަށެވެ.
އަދި އެ ބަޔާނުގައި ބުނަނީ އިސް ގާޒީ އަބްދުﷲ މުހައްމަދަށް ބިރުދައްކައި ގަޒުފުކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުވާ ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ކުރިން ހެށި ކަމަށައި ނަމަވެސް އެއީ އެ ކޯޓްގެ އިސް ގާޒީއަަށް ބިރު ދެއްކުމާއި ގަޒުފު ކުރުމުގެ މައްސަލައަކަށް ވުމާއެކު އަދި މައްސަލައިގައި ހެކިބަސް ދޭ ފަރާތަކީ ވެސް އެ ކޯޓްގެ އިސް ގާޒީ ކަމަށް ވުމުން އެ މައްސަލަ އެކޯޓްގައި ހިންގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
"... އެ މައްސަލަ މާލޭ ޖުޑީޝަލް ދާއިރާގައި ހިމެނޭ ޖިނާއީ މައްސަލަތައް ބެލުމުގެ އިހުތިސޯސް އޮންނަ ކޯޓަކަށް ހުށަހެޅި ދާނެ ކަމަށައި އެގޮތުން ހުޅުމާލޭގައި ހުޅުވިފައިވާ ކޯޓަކީ އެފަދަ މައްސަލަތައް ބެލިދާނެ ކޯޓަކަށްވުމާއެކު ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެނައުމަށްފަހު ހުޅުމާލޭ ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދެވިދާނެ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިމިނަލް ކޯޓަށް އިރުޝާދު ދެއްވާފައިވެ އެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުން އެ މައްސަލަ މި އޮފީހަށް އަނބުރާ ފޮނުވުމުން އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައި އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގައި ހިނގަމުން އެބަދެ އެވެ،" ބަޔާނުގައި ވެއެވެ.
ޕީޖީން މި ބަޔާން އާންމު ކުރި އިރު އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅުމަށް ޕީޖީ ސުޕްރީމް ކޯޓަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށް ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައަކީ އަބްދުﷲ މުހައްމަދުގެ ސިދާ މައްސަލަހަތު އޮތް މައްސަލައަކަށްވާތީ ކުރިމިނަލް ކޯޓަށް ކުރިން ހުށަހެޅުނު މައްސަލައިގައި އަމަލު ކުރުމަށް ސުޕްރީމް ކޯޓުން ކުރިމިނަލް ކޯޓަށް ދިން އިރުޝާދުގެ މައްޗަށް ބަލައި މިބާވަތުގެ އެހެން މައްސަލަތައް ފަދައިން މި މައްސަލަވެސް ހުށަހަޅަން ޖެހެނީ ހުޅުމާލޭ ކޯޓަށް ކަމަށް ފެންނަ ކަމަށެވެ. އަދި އެ ގޮތަށް އަމަލު ކުރީ އެހެންވެގެން ކަމަށެވެ.
އިސް ގާޒީގެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ފުލުހުންގެ ތަހުގީގާއި އެ މައްސަލައިގައި އެޗްއާރްސީއެމުން ކުރި ތަހުގީގު ރިޕޯޓް ޕީޖީ ބައްލަވައި ދިރާސާ ކުރެއްވުމަށްފަހު އެވެ. މި މައްސަލަ ކޯޓަށް ވެއްދުމާއެކު މައްސަލައިގައި ދައުވާ ލިބޭ ބޭފުޅުންގެ ތެރެއިން ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ މަގާމުން އިސްތިއފާ ދެއްވަން ހުށަހަޅުއްވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ވަޑައިގެން ސާބިތު ކަންމަތީގައި ދައުވާއަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަނީ އެ މައްސަލަ އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.
އަބްދުﷲ މުހައްމަދު މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާއިރު އޭނާ ހައްޔަރުކޮށްފައި ހުންނަވަނިކޮށް ރާއްޖޭގެ އިސް ވަކީލުންތަކެއް ވަނީ އެ މައްސަލަ ބައިނަލް އަގުވާމީ ޖިނާއީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އަދި އިސް ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އޭރު ސުޕްރީމް ކޯޓުން ބުނެފައިވާއިރު އޭނާގެ މައްސަލައިގައި ސިފައިން ހާޒިރުވާން ކޯޓްތަކުން ކުރި އަމުރުތަކަށް ސިފައިން ވަނީ އޭރު ތަބާ ނުވެފައެވެ.
އިސް ގާޒީ މިނިވަންކޮށް ގިރިފުށިން މާލެ ގެނެސްފައި ވަނީ ނަޝީދުގެ ވެރިކަން ބަދަލުވި ފެބުރުއަރީ 7 ގަ އެވެ. އޭގެ ފަހުން އިސް ގާޒީ ވަނީ ޗުއްޓީއެއް ނެންގެވުމަށްފަހު އަލުން ކޯޓަށް ނުކުމެ ވަޑައިގެންފަ އެވެ.