17 Jul 2012, 13:12
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން ކަމުގައިވާ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގަށާއި މިލަންދޫ ދައިރާގެ މެންބަރު އަލީ ރިޒާ އަށް ފުލުހުން އަނިޔާކުރި ކަަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު އަލީ ރިޒާ ރޭ މުޒާހަރާގެ ތެރޭގައި ހުންނަވަނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިއުމުގައި އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި މުޒާހަރާގެ ތެރެއިން ތޯރިގަށް ވެސް ފުލުހުން ވަރަށް ބޮަޑަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްޑީޕީ އިން ބުނީ ފުލުހުންގެ އެ އަމަލަކީ އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގެ އެންމެ އިސް ސަފުގައި އެބޭފުޅުން ހަރަކާތްތެރިވެ ވަޑައިގަންނަވަމުންދާތީ ދުރާލައި ރާވައިގެން ސީދާ އެބޭފުޅުންނަށް ޒާތީގޮތުން އަނިޔާދީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ގާނޫނީ އިމުން ބޭރުން ފުލުހުން ހިންގަމުން ގެންދާ ފިނޑި އަމަލުތަކެއް ކަމަށެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު އަލީ ރިޒާ ފުލުހުން ހައްޔަރުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހުރަސް އަޅައި ޖަލްސާ ވަނީ ކުރިއަށް ނުގެންދެވިގެން މެދުކަނޑައިލި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭގެ މުޒާހަރާއާ ގުޅިގެން ވިޔަސް އެއްވެސް މީހަކަށް ނުވަަތަ ބަޔަކަށް ފުލުހަކު ނުވަތަ ފުލުހުންގެ ބަޔަކު އަނިޔާކޮށްފައިވާ ނަމަ އެކަންކަން ކަމާ ބެހޭ މިނިވަން މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުން މުހިންމު ކަމަށާއި އެމީހަކަށް އަނިޔާކުރި ސީދާ ވަކި ފުލުހަކު އެނގޭ ނަމަ އެކަމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން ފުލުހުން އެ މައްސަލަ ބަލާނެ ކަމަށެވެ. އަދި ރޭގެ މުޒާހަރާގެ ތެެރެއިން ފުލުހުން ހައްޔަރުކުރި އަލީ ރިޒާ މެންދަމުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ ޕާޓީގެ މެންބަރުންތަކަށް އަނިޔާވެފައިވާ ކަމަށް ބުނެ އެ އަމަލް އެމްޑީޕީން ކުށްވެރިކޮށްފައިވާ އިރު މިހާތަނަށް އެމްޑީޕީން ފަށާފައިވާ ސީދާ ހަރަކާތުގައި 17 ފުލުހަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެމްޑީޕީން ބުނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގު ރައްޔިތުނަށް ކަށަވަރުކޮށްދީ ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް އެޕާޓީން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް ސަރުކާރުން އެކަމަށް ދެމުން ގެންދަނީ ބީރުކަންފަތެއް ކަމަށާއި އެކަމާ އެޕާޓީން ކަންބޮޑުވާ ކަމަށެވެ.
އެމްޑީޕީގެ ސިދާ ހަރަކާތާ ގުޅިގެން މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ އެޕާޓީގެ އެންމެހާ މެންބަރުން ދޫކޮށްލުމަށާއި މުޒާހަރާގެ ތެރޭގައި އެޕާޓީގެ މެންބަރުންނަށް ފުލުހުން ދެމުން ގެންދާ އަނިޔާތައް ވަގުތުން ވަގުތައް ހުއްްޓާލުމަށް ވެސް އެމްޑީޕީގެ ނޫސްބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.