ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދައިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމް ސާވިސަސް އިން އެސްޓީއޯ އިން ދަރަންޏަށް ނަގާފައިވާ ތެލަށް ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް އެސްޓީއޯ އިން ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.

އެ މައްސަލަ މީގެ ކުރިން ކޯޓަށް ވައްދާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް އޭގެ ފަހުން ރައީސް ވަހީދުގެ ވެރިކަމުގައި އެސްޓީއޯ އިން ދައުވާ އަނބުރާ ގެންދިޔުމަށް ފަހު އެސްޓީއޯ އިން ވަނީ އަލުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން އެސްޓީއޯގެ ވަކީލު ވިދާޅުވީ ތެޔޮ ދޫކުރުމަށް މާޗް 31، 2010 ވަނަ ދުވަހު ވެވުނު އެއްބަސް ވުމުގެ ދަށުން އެސްޓީއޯ އިން ކްރެޑިޓަށް ނަގާފައިވާ ތެލަށް ޖޫރިމާނާ އެކު ޑިސެމްބަރު 1، 2010ގެ ނިޔަލަށް އަރާފައިވާ 19،333،6272.20ރ. ހޯދުމަށެވެ.

ވަކީލު ވިދާޅުވީ އެ ފައިސާ އެސްޓީއޯ އަށް ދެއްކުމަށް މެރީޑިއަމްގެ މައްޗަށް ހުކުމްކޮށް ދެއްވައި އަދި އޭގެ ފަހުން އެ ފައިސާ ނުދައްކައިފި ނަމަ މޯގޭޖް ކޮށްފައިވާ ތިން އުޅަނދު އެސްޓީއޯ އަށް ނެގޭނެގޮތަށް މައްސަލަ ނިންމަވައި ދެއްވުމަށް އެދޭ ކަމަށެވެ.

ދައުވާއާ ބެހޭގޮތުން ގާޒީ ސުވާލުު ކުރުމުން މެރިޑީއަމުން ބުނީ ދައުވާއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ.

ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީން ނިންމަވާލެއްވީ ދައުވާއަށް ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުއްދަތެއް މެރީޑިއަމަށް ދިނުމަށް ފަހު އެވެ.