17 Jul 2012, 12:51
ސ. ފޭދޫން ހައްޔަރު ކުރި އެމްޑީޕީގެ ސަޕޯޓަރުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން ބުނީ ފޭދޫ ދާއިރާ އިން ހައްޔަރުކޮށްފައިވާ ހަ މީހުންގެ ތެރެއިން ގޭ ބަންދަށް ދޫކޮށްފައިވާ އެ ރަށު ކީރަންމާގޭ ރަހުމާ ޢަބްދުﷲ ފިޔަވައި، ގަމުގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ހައްޔަރުކޮށްފައި ތިބި އެމްޑީޕީގެ ހަ މެންބަރުން އާދިއްތަ ދުވަހުގެ ހަވީރުން ފެށިގެން ގެންދަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކުރަމުން ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އައްޑުއަށް ވަޑައިގެންނަވުމާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި ހަ މީހަކު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް، ގަޑިތަކަށް ބަހާލައިގެން ކުރިއަށްގެން ދިޔަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އެންމެން ވެސް ތިބީ އިއްޔެ ކައިގެން ކަމަށާއި އޭގެ ކުރިން ތިބީ ވަކި ގަޑިތަކެއްގައި ކޮންމެ މީހަކު ވެސް ނުކައި ތިބޭ ގޮތަށް ކަމަށެވެ.
ޕީޕީއެމުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއް ނިންމާލުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގަމަށް ވަޑައިގެންނަވަނިކޮށް އެ މަނިކުފާނުގެ ޕްރައިވެޓް ސެކިއުރިޓީ ކާރުކޮޅަކަށް އަމާޒުކޮށް ބަޔަކު ގައު އުކައި ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ފޭދޫން ހައްޔަރު ކުރި ހަ މީހުންގެ ތެރޭ ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު ވެސް ހިމެނެ އެވެ.
މީގެ އިތުރުން ރައީސް މައުމޫން އައްޑުއަށް ކުރެއްވި އެ ދަތުރުފުޅުގައި އެ ސިޓީގެ ހުޅުމީދޫގެ ޕީޕީއެމް މެމްބަރުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް އެކަމަށް ހުރަސްއެޅުމަށް މަސައްކަތްކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ތިން މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެމްޑީޕީން ދަނީ ސީދާ ހަރަކާތުގެ ނަމުގައި މާލޭގައި ވެސް ސިލްސިލާކޮށް މުޒާހަރާތައް އަންނަނީ ކުރަމުންނެވެ.