މާލޭގެ އިންފްލޭޝަން ރޭޓް، ތަކެތީގެ އަގުތައް ބޮޑުވި މިންވަރު މިދިޔަ މަހު ދަށަށް ދިޔުމަށް ފަހު އަނެއްކާވެސް މާލޭގެ އިންފްލޭޝަން ރޭޓް މައްޗަށް ހިނގައްޖެ އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިގެ މިދިޔަ މަހުގެ ހިސާބުތަކުން ދައްކާ ގޮތުން މާލޭގެ އިންފްލޭޝަން ރޭޓް ވަނީ މަހުން މަހަށް ދަށަށް ގޮސްފަ އެވެ. އެގޮތުން އެޕްރީލް މަހާއި މޭ މަހާ އަޅާ ކިޔާއިރު މާލޭގެ އިންފްލޭޝަން ރޭޓް 1.95 ޕަސެންޓަށް ދަށަށް ގޮސްފައިވެ އެވެ. ނަމަވެސް މި މަހުގެ އިންފްލޭޝަންގެ ހިސާބުތަކުން ބަލާއިރު މިދިޔަ މަސްދުވަހުގެ ތެރޭގައި މާލޭގެ އިންފްލޭޝަން ރޭޓް ވަނީ 4.07 ޕަސެންޓަށް އުފުލިފަ އެވެ. އަދި އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓް ވެސް ވަނީ 14.66 ޕަސެންޓަށް އުފުލިފަ އެވެ.

އިންފްލޭޝަން އަނެއްކާވެސް މައްޗަށް މި ދިޔައީ މަހާއި ކަރަންޓާއި އަދި ފެނުގެ އަގުތައް މައްޗަށް ގޮސްފައިވާތީ ކަމަށް ޕްލޭނިން ޑިޕާޓްމަންޓުން ބުންޏެވެ. އަދި ކާބޯތަކެއްޗާއި އަންނައުނާއި އަދި ކެފޭ އާއި ހޮޓާތަކުން ހިދުމަތް ދޭ އަގުތައް ވެސް ބޮޑުވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

މި އަހަރުގެ މިހާތަނަށް މާލޭގެ އިންފްލޭޝަން ރޭޓް އެންމެ މައްޗަށް ގޮސްފައިވަނީ 15 ޕަސެންޓަށެވެ. އެއީ އެޕްރީލް މަހުގެ ތެރޭގަ އެވެ. މި އަހަރު ފެށުނީއިރު އިންފްލޭޝަން ރޭޓް ހުރީ 12 ޕަސެންޓްގަ އެވެ. ނަމަވެސް މޭ މަހުން ފެށިގެން އިންފްލޭޝަން ރޭޓް ކޮންމެވެސް ވަރަކަށް ވަނީ ދަށަށް ގޮސްފަ އެވެ.

އެއީ އެ ދުވަސްވަރު އިމްޕޯޓް ޑިއުޓީއަށް އައި ބަދަލާއި އެކު ބައެއް ބާވަތްތަކުގެ އަގަށް ކޮންމެވެސް ބަދަލުތަކެއް އައުމެވެ. ނަމަވެސް އިމްޕޯޓް ޑިއުޓީ ކަނޑައިލުމުގެ ރަނގަޅު އަސަރު ބާޒާރަކުން ނުފެނެ އެވެ. އިކޮނޮމިކް މިނިސްޓްރީން ވެސް ބުނެފައިވަނީ އިމްޕޯޓް ޑިއުޓީ ކަނޑާލުމުން ބާޒާރުގައި ތަކެތީގެ އަގުތަކަށް ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ވެސް އިންފްލޭޝަން ރޭޓް މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ ކުރިއަށް އޮތީ ރޯދަމަސް ކަމަށްވުމާއެކު ޑިމާންޑްބޮޑުވެ ތަކެތީގެ އަގުވެސް ބޮޑުވާނެތީ އެވެ. ނަމަވެސް ސަރުކާރުން އަންނަނީ ރޯދަ މަހު ތަކެތީގެ އަގުތައް ބޮޑު ވިޔަ ނުދީ ހިފެހެއްޓުމަށް އެސްޓީއޯ މެދުވެރިކޮށް މަސައްކަތް ކުރަމުންނެވެ.