ރަޝިޔާގެ ކޯޗުކަމާ ހަވާލުވުމުން މުސާރައިގެ ގޮތުގައި އަހަރަކު 7.8 މިލިއަން ޕައުންޑް ފަބިއޯ ކަޕޭއްލޯ އަށް ދޭން ނިންމައިފި އެވެ.

ރަޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ކަޕޭއްލޯ ހެޑްކޯޗަކަށް ހަމަޖައްސަނީ 2018 ވަނަ އަހަރު އެ ގައުމުގައި ބާއްވާ ވޯލްޑް ކަޕުގެ ނިޔަލަށެވެ.

ޖޯންޓެރީ އަތުން އިނގިރޭސި ކެޕްޓަންކަން ނެގުމުން، އެކަމާ ހިތްހަމަ ނުޖެހިގެން ގައުމީ ކޯޗުކަމުން ވަކިވި ކަޕޭއްލޯ އަށް އިނގިރޭސިވިލާތުން އަހަރަކު ދެމުން އައީ ހަ މިލިއަން ޕައުންޑެވެ. އިނގިރޭސި ކޯޗުކަމާ ވަކިވުމަށް ފަހު ކަޕޭއްލޯ ބުނީ އެއީ ގައުމީ ކޯޗެއްގެ ގޮތުގައި އޭނާގެ ފަހު ވަޒީފާ ކަމަށެވެ. ނަމަވެސް ރަޝިޔާއިން ހުށަހެޅި ބޮޑު މުސާރައަކީ އޭނާގެ ވިސްނުން ބަދަލުކޮށްލަން ޖެހުނު ސަަބަބެވެ.

ރަޝިޔާގެ ކޯޗުކަމުގައި އޭނާގެ ފުރަތަމަ މެޗަކަށް ވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އައިވަރީ ކޯސްޓާއެކު ކުޅޭ މެޗެވެ.

އުމުރުން 66 އަހަރުގެ ކަޕޭއްލޯ އަށް ރަޝިޔާގެ ކޯޗުކަންދޭން ނިންމީ 15 ކޯޗަކާ އިންޓަވިއު ކުރުމަށްފަހު އެވެ. އޭގެ ތެރޭގައި ޓޮޓެންހަމުން ދާދި ފަހުން ވަކިވި ހެރީ ރެޑްނެޕްވެސް ހިމެނެ އެވެ.

ކަޕޭއްލޯއާ ބެހޭ ގޮތުން ރަޝިޔާގެ ކެޕްޓަން އަންދްރޭ އަރްޝަވިް ބުނީ ގައުމީ ޓީމުގައި ކޯޗަށް ކާމިޔާބީ އެދޭ ކަމަށެވެ.