17 Jul 2012, 10:46
ބަދިގެތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ މައުލޫމާތު ދިނުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ޕްރޮގްރާމްތަކެއް ފަށައިފި އެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުންކޮށް އެންމެނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
"ފަޔާ ޕްރިވެންޝަން އިވްނިން" ގެ ނަމުގައި އިއްޔެ ފެށި ޕްރޮގްރާމަކީ ކުރިޔަށް އޮތް ރޯދަމަހަކީ ގިނަ ބަޔަކު ބަދިގެ ތެރޭގައި ވަގުތު ހޭދަކުރާނެ މަހަކަށްވާތީ، ބަދިގެތަކުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތައް ބުނެދީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ.
އެމްއެންޑީއެފްގެ ފަޔާ ޕްރިވެންޝަން އިވްނިންގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަތަރު ދުވަހަކަށް ބަހާލައިގެނެވެ. އޭގެ ފުރަތަމަ ޕްރޮގްރާމް އިއްޔެ ހަވީރު ބޭއްވީ ހުޅުމާލޭގަ އެވެ.
އިއްޔެ ފަޔާ ޕްރިވެންޝަން އިވްނިން ފެށިއިރު، ކައްކާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތަކާއި، އަލިފާން ރޯވާން މެދުވެރިވާނެ ހާލަތްތަކަށް އަޅަންވީ ފިޔަވަޅުތަކާ ބެހޭގޮތުން ލައިވް ފަޔާ ޑެމޯއެއް ދެއްކި އެވެ. މީގެ އިތުރުން ގޭސްފުޅި ގުޅާނެ ގޮތާއި، ގޭސްފުޅިން ލީކުވާނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދިނުން ވެސް އޮތެވެ.
މިއަދު ހަވީރު ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ފަޔާ ޕްރިވެންޝަން އިވްނިން ކުރިއަށްގެންދާއިރު މާދަމާ މާލޭ ސޯޝަލް ސެންޓަރުގެ ހުސްޖާގައިގައި ވެސް އެ ޕްރޮގްރާމް ކުރިޔަށް ގެންދާނެ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ހެންވޭރު އަޑުޕާކް ސަރަހައްދުގެ ޓަސްކަލޫސާ ކައިރީގައި ވެސް ޕްރޮގްރާމް ހިންގާނެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ތެރޭގައި އަލިފާނުގެ ބޮޑެތި ފަސް ހާދިސާއް މާލޭގައި ހިނގާފައިވެ އެވެ. އޭގެ ބައެއް ހާދިސާތައް ހިނގާފައިވަނީ ކައްކަން އުދުމަށްފަހު ބަދިގޭގައި އެއްވެސް މީހަކު ނޫޅެނީހެވެ.