23 Aug 2010, 17:58
22:58
ޓޫރިސްޓުންނަށް އަމާޒުކޮށްގެން މުމްބާއީ އާއި ގަމާ ދެމުދު ޗާޓާ ފްލައިޓްގެ ދަރުތަކެއް އަންނަ އޮކްޓޫބަރު މަހުން ފެށިގެން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މަހަމޫދު ރާޒީ މިއަދު ވިދާޅުވީ އިންޑިއާގެ ކިންގް ފިޝާ އެއާލައިންގެ ދަތުރުތައް ފުރަތަމަ ގަމަށް ކުރާނީ ހަފުތާ އަކު ދެ ފްލައިޓް ކަމަށާއި ދަތުރުތައް އޮންނާނީ ރޭގަނޑު ކަމަށެވެ.
ޗުއްޓީގެ ހާއްސަ ޕެކޭޖަކާ އެކު، އިންޑިއާގެ ޓްރަވްލް އެޖެންސީއެއްގެ އިސްނެގުމުގެ މަތީން އަންނަ އޮކްޓޫބަރު މަހު ދެ ވަނަ ދުވަހު ފަށާ ޗާޓާ ފްލައިޓްގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހާއި ބުދަ ދުވަހު ކަމަށް ސިވިލްއޭވިއޭޝަން މިނިސްޓްރީން ބުންޏެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެން ޖަލީލު ވިދާޅުވި ގޮތުގައި ކިންގް ފިޝާގެ މި ދަތުރުތަކަކީ ޚާއްސަ ޕެކޭޖުތަކެއް ވިއްކައިގެން ޓުއަރ އޮޕަރޭޓަރުން ހަމަޖައްސާ ޗާޓަރު ފްލައިޓެކެވެ. އެހެންކަމުން ޝެޑިއުލް ދަތުރުތަކާ ޚިލާފަށް، ކިންގް ފިޝާގެ ފްލައިޓުގެ ޓިކެޓު ރާއްޖޭގައި ވިއްކާ ނުވަތަ އާއްމުންނަށް އެ ފްލައިޓު މެދުވެރިކޮށް މުމްބާއީ އަށް ދަތުރު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ބޮލީވުޑްގެ ވެރިކަންކުރާ މުމްބާއީ އާއި ގަމާ ދެމެދު ވައިގެ ދަތުރުތަށް ފަށާނެކަމަށް އިންޑިޔާގެ މައި އޮންލައިން ޓްރެވެލް އޭޖެންސީ އެއް ކަމަށްވާ "މޭކް މައި ޓްރިޕް"އިން ވަނީ ބުނެފަ އެވެ. އިންޑިޔާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިޔާ" އަށް ދެއްވި އިންޓަވިއުއެއްގައި އެ ޓްރެވެލް އޭޖެންސީގެ ކޯ ފައުންޑަރ އަދި ސީއޯއޯ ކެޔޫރް ޖޯޝީ ވިދާޅުވެފައި ވަނީ، މި ފްލައިޓުތައް ފަށަނީ އިންޑިޔާގެ ފަތުރުވެރިންނަށް ހޮލިޑޭ ޕެކޭޖެއްގެ ގޮތުގައި ކަމަށެވެ. އަދި ޑިމާންޑް އޮންނަ މިންވަރަށް ބަލައި، ދަތުރުތަށް އިތުރުކުރަން ވިސްނަވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ. މިދަތުރުގެ ދެކޮޅު ޓިކެޓް އަގަކީ ނަވާވީސް ހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އިންޑިޔާ ރުޕީސް ކަމަށްވެ އެވެ.