23 Feb 2025, 12:17
ޕޯސްޓު އެބޯޝަން ސިންޑްރޯމަކީ ދަރިފުޅު ބައިގެންދިއުމުން ނުވަތަ މާބަނޑު ދުވަސްވަރު ނިމުމަކަށް އައުމުގެ ސަބަބުން ދިމާވެދާނެ ބައްޔެއް ކަމަށް ބައެއް މީހުން ބުނެއެވެ.
މިއީ ހަޤީޤީ ސިއްހީ ހާލަތެއްގެ ގޮތުގައި އެއްވެސް ބޮޑު މެޑިކަލް އޯގަނައިޒޭޝަނަކުން ޤަބޫލުނުކުރި ނަމަވެސް ދަރިފުޅު ބައިގެން ދިއުމާ ގުޅިގެން ކުރިމަތިވާ ދުވަސްތަކަކީ އަންހެނުންނާ ކުރިމަތިވާ ވަރަށް ނާޒުކު ދަނޑިވަޅެކެވެ.
މިފަދަ ހާލަތްތަކުގައި ބައެއް މީހުންނަށް ތަފާތު އެކި އިހުސާސްތައް ކުރެވޭއިރު އޭގެތެރޭގައި ފުންހިތާމަވެރިކަމެއް އިހުސާސްވުން، ނުވަތަ ބުނެދޭން ނޭނގޭފަދަ އިހުސާސްތަކަކާ ހެދި ނަފުސާނީ ގޮތުން މީހާ ބަލިކަށިކުރުވުން ހިމެނެއެވެ.
އެމެރިކަން ސައިކޭޓްރިކް އެސޯސިއޭޝަން (އޭޕީއޭ)އިން ނެރުނު ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ދަރިފުޅު ބައިގެންދިއުމާ ގުޅިގެން އަންހެނުންގެ ނަފުސާނީ ދުޅަހެޔޮކަމުގެ ވަކި ހާލަތެއް އުފެދޭކަމުގެ އެއްވެސް ހެއްކެއް ނެތެވެ.
ނަމަވެސް ޤުދުރަތީ ގޮތުން އަންހެނަކަށް ގެއްލުންވެދާނެ ކަމަކާ ގުޅިގެން ދަރިފުޅު 'އެބޯޓް'ކޮށްލުމަށް ޑޮކްޓަރުން ދޭ އިރުޝާދާ ގުޅިގެން އެކި މީހުންގެ ވިސްނުމާއި ފިކުރު އެކަމާ ތަފާތުވެ އަންހެނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް އެކަމުން ނޭދެވޭ އަސަރުކުރާނެ ކަމުގެ ބަހުސްތައް ކުރިއަށްދާ ކަމަށް ވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޕޯސްޓު އެބޯޝަން ސިންޑްރޯމްއާ ގުޅިގެން ސިއްހީ މާހިރަކާ މަޝްވަރާކޮށްލުމަކީ އެކަމަށް ލުއެއް ލިބުމަށް މަގުފަހިވާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް
ޕޯސްޓު އެބޯޝަން ސިންޑްރޯމަކީ ހަގީގީ ސިއްހީ ހާލަތެއް ކަމަށް ޑޮކްޓަރުން ނުދެކޭ އެންމެ ބޮޑު އެއް ސަބަބަކީ އޭގެ މާބޮޑު އަލާމާތްތަކެއް ނުފެނުން ކަމަށް އެމެރިކަން ބޯޑް އޮފް މެޑިކަލް ސްޕެޝަލްޓީސް ބޯޑުގެ ސެޓިފައިޑް ސައިކޭޓްރިސްޓެއް ކަމަށްވާ ޑރ. ނިކޯލް ވޮޝިންގްޓަންގެ ލިޔުމެއްގައި ވަނީ ފާހަގަކޮށްފައެވެ.
މާބަނޑުވުމަށްފަހު ދަރިފުޅު ބައިގެންދިއުމާ ވިދިގެން ނަފުސާނީ ގޮތުން ބައެއް އަންހެނުން ތަހައްމަލުކުރާ ކަންކަމުގެތެރޭ ޑިޕްރެޝަން، އެންޒައިޓީ ހިމެނޭއިރު ބައެއްފަހަރު ދެމަފިރިންގެ ކައިވެނީގައި ވެސް މައްސަލަތައް ޖެހޭ ކަމަށް ޑރ. ނިކޯލް ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ތިމާގެ އިހުސާސް ދަންނަ އެ އިހުސާސްތަކަށް އިހުތިރާމްކުރާ ގްރޫޕަކާ ނުވަތަ ސިއްހީ މާހިރަކާ އެކަން ހިއްސާކޮށް ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ޑރ. ނިކޯލް ވޮޝިންގްޓަންގެ ލިޔުމުގައި ވަނީ ބުނެފައެވެ.