އެކި އުމުރުފުރައިގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެނިމޭޝަން ޝޯ ކަމަށްވާ "އެވެޓާ ދަ ލާސްޓް އެއާބެންޑާ"ގެ ދުނިޔެއަށް ބިނާކޮށް އާ ޝޯއެއް އުފައްދަން އުޅޭކަން އިއުލާނު ކޮށްފިއެވެ.

ކުޑަކުދިންނަށް ޚާއްސަ ޗެނަލްއެއް ކަމަށްވާ ނިކަލޯޑިއަން އިން 2005 ގައި ދައްކަން ފެށި ޝޯ އެވެޓާވީ އެތައް ބަޔަކަށް ވަރަށް ކަމުދިޔަ ޝޯއަކަށެވެ. ޖުމްލަ ތިން ސީޒަނަށް ނުވަތަ ތިން ފޮތަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޝޯގެ މަގުބޫލުކަމާ ގުޅިގެން އޮރިޖިނަލް ޝޯއަށް ބިނާކޮށް ފިލްމެއް ނެރެފައިވެއެވެ. އެއަށްފަހު ޝޯއަށް ބިނާކޮށް މިދިޔަ އަހަރު ނެޓްފްލިކްސްއިން ވަނީ ލައިވް އެކްޝަން ޝޯއެއް ދައްކަން ފަށާފައެވެ.

އެވެޓާގެ ދުނިޔެއަށް ބިނާކޮށް ސީކުއަލް އެނިމޭޝަން ޝޯއެއް ވަނީ މީގެ ކުރީން ނެރެފައެވެ. "އެވެޓާ: ދަ ލެޖެންޑް އޮފް ކޯރާ" ވެސްވީ ބޮޑު ހިޓަކަށެވެ. މިއީ އެވެޓާ ނިމޭ ހިސާބުން ގުޅުވައިގެން އުފައްދާފައިވާ އެނިމޭޝަން ޝޯއެކެވެ. މީ ޝޯއަކީ ހަތަރު ސީޒަނަށް ނުވަތަ ހަތަރު ފޮތަށް ބަހާލައިގެން ނެރެފައިވާ ޝޯއެކެވެ.

މި ތީމަށް ބަލައިގެން އަލަށް ނެރޭ ޝޯއަކީ ލެޖެންޑް އޮފް ކޯރާއަށް ފަހު ކަންތައް ވާނެ ގޮތް ދައްކާނެ ޝޯއެކެވެ. އަލަށް ނެރޭ ޝޯ "އެވެޓާ: ސެވެން ހޭވަން" އަކީ ދެ ފޮތަށް ބަހާލައިގެން ދައްކާނެ ޝޯއެކެވެ. މި ޝޯގައި ހިމެނޭނީ 26 އެޕިސޯޑު ކަމަށް ނިކަލޯޑިއަންއިން ބުނެއެވެ.

ނިކަލޯޑިއަންއިން ބުނާ ގޮތުގައި އަލަށް ނެރޭ ޝޯ އަކީ އޮރިޖިނަލް އެވެޓާ ޝޯއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އިއުލާނު ކުރާ ޝޯއެކެވެ. އެވެޓާގެ އާ ޝޯ ދައްކަން ފަށާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި މި ޝޯ ދައްކަން ފަށާނެއެވެ.