21 Feb 2025, 14:51
ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ސާފުކުރަން އެޗްޑީސީން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "ރޯދަ ސާފު" ޕްރޮގުރާމު މިއަހަރު ވެސް ފަށައިފިއެވެ.
އެޗްޑީސީން ބުނީ، ރޯދަ ސާފު ޕްރޮގުރާމަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ވަކިން ޚާއްސަކޮށް ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަށް ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއަހަރުވެސް ރޯދައަށް ހުޅުމާލެ ސާފުކުރަން އެޗްޑީސީން ފަށައިފި: ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ -- ފޮޓޯ/ އެޗްޑީސީ
އެގޮތުން މިއަހަރުގެ ރޯދަ ސާފު އިވެންޓު މިއަދު ހުޅުމާލޭގައި ވަނީ ފަށައިފައެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުން އެ އިވެންޓު ފަށާފައިވާ ކަމަށެވެ. އެ އިވެންޓުގެ ދަށުން ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އިވެންޓުގައި ވެސް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި، އެޗްޑީސީގެ މުވައްޒަފުން އަދި ހުޅުމާލޭގެ ރައްޔިތުން ބައިވެރިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މިއަހަރުވެސް ރޯދައަށް ހުޅުމާލެ ސާފުކުރަން އެޗްޑީސީން ފަށައިފި: ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ -- ފޮޓޯ/ އެޗްޑީސީ
އަދި އިވެންޓުގެ އަމާޒަކީ ހުޅުމާލޭގެ ރީތިކަން ދެމެހެއްޓުމާއި ރޯދަ މަސް ފެށުމުގެ ކުރިން، އެންމެން ގުޅިގެން ރަށުތެރެ ސާފު ކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ޚާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ނިންމާފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.