ވޮޝިންގްޓަން (ޖުލައި 17): އެމެރިކާގެ ރިޔާސީ ކެމްޕޭނުގައިވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޤައުމުގެ ރައީސް ބަރަކް އޮބާމާއާއި އޭނާގެ ވާދަވެރިޔާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މިޓް ރުމްނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ވަރުގަދަ ޙަމަލާތައް ދެއްވައި ފަޟީޙަތް ކުރައްވަމުން އެބަގެންދަވަ އެވެ.

ދެ ބޭފުޅުންގެ ބަހުގެ ޙަމަލާތަކުގެ ތެރެއިން އޮބާމާ އެންމެފަހުން ރުމްނީއަށް ދެއްވި ޙަމަލާއަކީ މިލިޔަނުން ގުނާލެވޭ ރުމްނީގެ މުދަލުގެ ބޮޑުބައެއް ޓެކްސް އިން ސަލާމަތް ކުރުމަށް ޓަކައި އެމެރިކާ އިން ބޭރަށް ގެންދިޔަ ކަމުގެ ތުހުމަތެވެ. މިތުހުމަތައް ރުމްނީގެ ޓީމަށް އަދި ރައްދު ދެވިފައެއް ނުވެ އެވެ.

މީގެ އިތުރުން ރުމްނީ އެެމެރިކާގެ މެނޭޖްމެންޓް ކޮންސަލްޓިން ކުންފުންޏެއް ކަމަށްވާ "ބެއިން ކެޕިޓަލް" ކުންފުނި ހިންގެވި ދުވަސްވަރު މާލީ ގޮތުން އިފްލާސްވާ ހިސާބަށް އެކުންފުނީގެ ހިންގުން ދަށަށް ދިޔަކަމުގެ ތުހުމަތު ވެސް އޮބާމާ ވަނީ ރުމްނީގެ ބޮލުގައި އަޅުއްވާފަ އެވެ.

"ބެއިން ކެޕިޓަލް" ކުންފުނީގެ ވެރިއަކަށް ރުމްނީ ހުންނެވި ދުވަސްވަރު ޗައިނާ އާއި މެކްސިކޯ ފަދަ ގައުމުތަކަށް އެމެރިކާގެ ގިނަ ވަޒީފާތަކެއް ބަދަލުކުރެއްވި ކަމަށާއި މިކަމުގެ ސަބަބުން އެމެރިކާގެ އެތައް ބައެއްގެ ވަޒީފާ ގެއްލި އެމެރިކާ އަށް ލިބެން ހުރި އެތައް އާމްދަނީއަކުން އެމެރިކާގެ ސަރުކާރާއި ރައްޔިތުން މަޙްރޫމްކޮށްލުމުގެ ޒިންމާ އޮޮބާމާ ވަނީ ރުމްނީގެ ބޮލުގައި އަޅުވާފަ އެވެ.

އަދި އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މެސެޗޫސެޓްސްގެ ގަވަރުނަރުގެ މަގާމުގައި ރުމްނީ ހުންނެވި ދުވަސްވަރު ވެސް އޭނާގެ ބެލުމުގެ ދަށުން އެމެރިކާގެ ގިނަ ޢަދަދެއްގެ ވަޒީފާ އިންޑިއާއަށް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ވެސް އޮބާމާގެ ކޭންޕޭން ޓީމުންވަނީ ރުމްނީގެ މައްޗަށްކޮށްފަ އެވެ.

މިތުހުމަތުތަކާގުޅިގެން ރުމްނީ ވަނީ ޝަޚްސީގޮތުން އޭނާއާ ދިމާކޮށް އޭނާގެ އަގު ވައްޓާލަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އޮބާމާގެ މައްޗަށް ކުރައްވާފަ އެވެ. މިއީ ޑިމޮކްރަސީގެ މިންގަނޑަށް ވުރެ މާދަށުދަރަޖައަކަށް އޮބާމާ ވެއްޓިވަޑައިގަތުން ކަމަށާއި ގޮތް ހުސްވެ މާޔޫސްވެގެން ދެއްވާ މިފަދަ ހަމަލާތަކަށް އޮބާމާ މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް ރުމްނީ ވަނީ ވިދާޅުވެފަ އެވެ.

އޮބާމާގެ ޓީމުން ވަނީ ރުމްނީގެ ކިބައިން އޮބާމާ މަޢާފަށް އެދެން ނުޖެހޭނެ ކަމަށް ބުނެ ރުމްނީގެ މައްޗަށް ކުރެވޭ ޤައުމަށް ލޯބިނެތް ކަމުގެ ތުހުމަތުތައް ސާބިތުކޮށްދޭނެކަން ހާމަކޮށް ރުމްނީ އަށް ގޮންޖައްސަވައިފަ އެވެ. އެމެރިކާގެ އިޤްތިސާދު އަޑިއަޅާލާފައިވާ މިދުވަސްވަރު ވަޒީފާގެ މައްސަލަ ވަނީ އެމެރިކާގެ ރިއާސީ ކެމްޕޭނުގެ މައިގަނޑު ހަތިޔާރަކަށް ހަދާފަ އެވެ. (ނޫސްއެޖެންސީތައް)