20 Feb 2025, 22:58
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ އިދާރާ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން ހެދި އެއްބަސްވުމާއެކު މައިގަނޑު ގޮތެއްގައި ކުރާނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ފަރުތަކަށް ލިބޭ ގެއްލުން އިއާދަކުރުމުގެ މަސައްކަތްކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މިއަދު ބުނެފިއެެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 17ވަނަ ދުވަހެވެ.
އެއްބަސްވުމުގައި އެންވަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިގު އިބްރާހިމެވެ. އަދި ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝޮނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ އެ އިންޓިޓިއުޓްގެ ޑިރެކްޓަރު، ޕްރޮފެސަރު ވެއިގިއަން ވަންގްއެވެ.
އެއްބަސްވުމުގެ ދަށުން ކުރާނެ ކަންކަމުގެ ތަފްސީލު ހިއްސާކުރަމުން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ހިމާޔަތްކޮށްފައިވާ ފަރުތަކުގައި މުރަކަ އާލާކުރުމާއި، އެ ސަރަހައްދުތަކުގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މޮނިޓަރު ކުރާނެ ކަމަށެވެ. މި ގޮތުން، މި މަސައްކަތްތައް ކުރާނޭ ސަރަހައްދުތައް ކަނޑައަޅާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަމަށް ވެސް ބުންޏެވެ.
ހަމައެއާއެކު މި ކަން ކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މި ފަދައިން ކުރާ ދިރާސާތައް ކުރުމަށް ހަދާފައިވާ އުސޫލުތަކުގެ ތެރެއިން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މަސައްކަތްކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން މި ވަގުތު ކަނޑައަޅާފައިވަނީ ކ. ރަސްފަރީގައި ކަމަށެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ރަސްފަރިއަކީ 2021 ވަނައަހަރު އެ ރަށު ފަރު މައްޗަށް އާގު ބޯޓެއް އަރައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަހައްދެކެވެ.
މި ސަރަހައްދަށް ލިބިފައިވާ ގެއްލުން އިއާދަކުރުމަށް މުރަކަ އިންދާ އާލާކުރުމަށް ރެސްޓޮރޭޝަން ޕްރޮޖެކްޓެއް އެންވަޔަރަންމަންޓަލް އީޕޭއިން ހިންގަމުން އައި ނަމަވެސް ކަނޑުގެ ލޮނުގަނޑުގެ ފިނި ހޫނު މިނަށް އަންނަ ބަދަލުތަކުން މުރަކަ އިންދާ ބެލެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ، ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝޮނޮލޮޖީއާއެކު ސޮއިކުރި އެއްބަސްވުމާއިއެކު ރަސްފަރީގެ ފަރުގެ ފިނި ހޫނު މިން މޮނިޓަރުކޮށް އިންދާ މުރަކަތަކުގެ ސިއްހަތު މޮނިޓަރުކުރުމަށް އެހީތެރިވެދޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން ތިމާވެށީގެ ހާލަތު ދެނެގަތުމަށް ބޭނުންކުރާ ޑިވައިސްތައް ހަރުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރާނީ އީޕީއޭގެ މުވައްޒަފުންނެވެ.
ޗައިނީޒް އެކަޑެމީ އޮފް ސައިންސްގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝޮނޮލޮޖީއަކީ މެރިން ސައިންސްގެ ދާއިރާއިން ޗައިނާގެ އެންމެ ބޮޑު އެއް އިންސްޓިޓިއުޓެވެ.
މި އިންސްޓިޓިއުޓް ޚާއްސަވަނީ ފިޒިކަލް ޖިއޮގްރަފީ، މެރިން ޖިއޮލޮޖީ އެންޑް ޖިއޯ ފިޒިކްސް، ބަޔޯޖިއޯ ކެމިސްޓްރީ އަދި އިކޮލޮލިކަލް ރިސޯސަސްގެ ދާއިރާއިން އިލްމީ ދިރާސާތައް ކުރުމަށެވެ.