17 Jul 2012, 09:20
މޮސްކޯ (ޖުލައި 17): ސޫރިޔާގެ ރައްޔިތުންގެ ގިނަބައެއްގެ ތާއީދު އަދިވެސްއޮތީ ރައީސް ބައްޝާރުލްއަސަދަށް ކަމަށާއި އެހެންކަމުން ވެރިކަމުން ދުރުވުމަށް އޭނާ އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލާވްރޯވް ވިދާޅުވެއްޖެ އެވެ.
މޮސްކޯގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ލާވްރޯވް ވިދާޅުވީ ސޫރިޔާގެ ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު ރައީސް ބައްޝާރުލް އަސަދަށް އޮތުމާ އަދި މިކަން ބައްޝާރަށް އެނގިވަޑައިގަންނަވާ އިރު ވެރިކަމުން ދުރުވެވަޑައިގަތުމަށް އޭނާގެ ކިބައިން އެދުމަކީ ބޭކާރުކަމެއް ކަމަށެވެ. ރައްޔިތުންގެ ތާއީދުއޮތްކަން އެނގިވަޑައިގެން ހުންނެވިހާ ހިނދަކު ބައްޝާރު ވެރިކަން ދޫކޮށްނުލައްވާނެ ކަމަށް ވެސް ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
ސޫރިޔާގެ ރައްޔިތުންނަށް މިހާރުކުރިމަތިވެފައިވާ ބޮޑުމުސީބާތް ކުރިމަތިވީ ހުޅަނގުގެ ޤައުމުތަކާއި ޢަރަބި ލީގުގެ ސަބަބުން ކަމަށް ލާވްރޯވް ތުމަތުކުރެއްވި އެވެ. އަދި ސޫރިޔާގައި ހިނަގމުންދާ ލޭއޮހޮރުވުންތަކާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑުމުސީބާތުގެ ޒިންމާ ބައްޝާރުއުފުއްލަވަން ޖެހޭނެ ކަމަކަށް ލާވްރޯވް ވިދާޅެއްނުވެ އެވެ. ލާވްރޯވް އިތުރަށް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ހަތިޔާރު ލިބިގެން އިދިކޮޅު ބަޔަކު ޤައުމެއްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިރު އެއްވެސް ޤައުމެއްގެ ސަރުކާރު މަޑުންނޯންނާނެ ކަމަށާއި ސޫރިޔާއަށް ވެސް މިހާރު ކުރިމަތިވެފައި ވަނީ މިމައްސަލަކަމުގަ އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ސޫރިޔާގައި މިހާރު ކުރިޔަށް ދަނީ ބޭރުގެ ފަރާތްތަކެއް އަޑީގައި ތިބެގެން އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިން ލައްވައި ހިންގާ އަހްލީ ހަނގުރާމައެއް ކަމަށާއި މިކަން ރައްޔިތުންގެ އުތުރިއެރުމެއްގެ ގޮތުގައިމިހާރު ނުބެލެވޭނެ ކަމަށް ވެސް ލާވްރޯވް ވިދާޅުވި އެވެ. އަދި ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާއި ރައްޔިތުންނަށް ޖެހިފައިވާ މުސީބާތުގެ ޒިންމާ އުފުލަން ޖެހޭނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ސޫރިޔާ ހަލާކުރުމަށް އެފަރާތްތަކަށް މަދަދުދޭ ހުޅަނގުން ކަމަށް ވެސް ލާވްރޯވް ވިދާޅުވި އެވެ.
އަނެއްކޮޅުން ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ސީރިޔަން ނެޝަނަލް ކައުންސިލުން ވަނީ އެޤައުމުގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާއި ރައްޔިތުންނަށް ޖެހިފައިވާ މުސީބާތުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ އެއްފަރާތަކީ ރަޝިޔާ ކަމަށް ސިފަކޮށްފަ އެވެ. މިކައުންސިލުން ވަނީ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމު ޙިމާޔަތްކުރަމުންގެންދާ ކަމުގެ ތުހުމަތު ވެސް ރަޝިޔާގެ މައްޗަށް ކޮށްފަ އެވެ. މިގޮތުން ބައްޝާރުގެ ސަރުކާރު ދަމަހައްޓަން ރަޝިޔާ މަސައްކަތްކުރަނީ ރަޝިޔާގެ އަމިއްލަ މަސްލަޙަތު ޙިމާޔަތްކުރުމުގެ ގޮތުން ކަަމަށް ވެސް ސީރިޔަން ނެޝަނަލް ކައުންސިލުން ބުނެ އެވެ.
ސޫރިޔާގައި މިހާރު ހިނގަމުންދަނީ އެ ޤައުމުގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ހިނގަމުންދާ އަހްލީ ހަނގުރާމައެއް ކަމަށް އދ. އިންނާއި ބައިނަލްއަޤްވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓް ޖަމާއަތުން ވެސް ވަނީ ސިފަކޮށްފަ އެެވެ. މިއަހްލީ ހަނގުރާމައިގާ ސޫރިޔާގެ ކުށެއްނެތް ރައްޔިތުން ހަނާވެ ޗިސްޗިސްވަމުންދާ ކަމަށާ ސޫރިޔާގެ ކުށެއްނެތް ގިނަ ބަޔަކު ދަނީ ހިތަށް ވެސް ނުގެނެވޭ ފަދަ ވޭންދެނިވި އަނިޔާތަކެއް ތަޙައްމަލް ކުރަމުން ކަމަށް މިފަރާތްތަކުން ބުނެ އެވެ.
ސޫރިޔާގެ ރައްޔިތުން ބައްޝާރުގެ ނިޒާމާ ދެކޮޅަށް ސުލްޙަވެރިކަމާ އެކު ތެދުވުުމުން އެމީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން 10 ވަރަކަށް ހާސް މީހުން މެރިކަމުގެ ތުހުމަތު އދ. އިން ވަނީ ބައްޝާރުގެ ނިޒާމްގެ މައްޗަށް ކޮށްފަ އެވެ. (ނޫސްއެޖެންސީތައް)