އެމްޑީޕީން ފަށައިގެން އުޅޭ ސީދާ ހަރަކާތުގެ ރޭގެ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާއިގެ މެންބަރު އަލީ ރިޒާ ހައްޔަރު ކުރުމަށްފަހު ރޭ މެންދަމު އޭނާ ދޫކޮށްލާފައިވާތީ އެ މެންބަރު ދޫކޮށްލި ކަމުގެ ލިޔުން ލިބެންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދު ކަނޑާލައިފި އެވެ.

މަޖިލިސް މެދު ކަނޑައިލީ މަޖިލިސް ފެށުމާއެކު ރިޒާގެ މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ނިޒާމާބެހޭ ނުކުތާތައް ނަގަން ފެށުމާއެކު އެވެ. މުޒާހަރާގައި ރޭ ރިޒާ ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ މިނިވަން ކުރިކަން ޕާޓީ އަށާއި އާއިލާއަށް އެނގިފައި ނުވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން، ވިދާވާން ފެށުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ރޭ 3:15 ގައި ރިޒާ ދޫކޮށްލާފައިވާ ކަމަށް ފުލުހުންނާއި ކޮމިޝަނާ އޮފް ޕޮލިސް ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދު އެ ޖަވާބު ދެއްވި ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދެވީ ފެބުރުއަރީ 7 ގެ ފަހުން މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެންވަރުން "ވަގަށް" ނެގުމުގެ ހަރަކާތްތައް ފުލުހުންނާއި ސިފައިން ހިންގަމުންދާ ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަށް ގިނަ އަނިޔާތަކެއް ފުލުހުން ދީފައިވާ ކަމާއި މަޖިލީހުގެ ރައީސް އެކަން ބައްލަވަން ޖެހޭނެ ކަމަށެވެ.

ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ މި މައްސަލައިގައި ފުލުސް ކޮމިޝަނާ ރިޔާޒު ހާޒިރު ކުރަންޖެހޭނެ ކަމަށާއި އެމްޑީޕީގެ މެންބަރު ވަގަށް ނަގާ ހައްޔަރުކުރުން އާދަޔަކަށް ހަދާފައިވާ ކަމަށެވެ. މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވެސް ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.

އޭގެ ފަހުން ނިޒާމީ ނުކުތާއެއް ނަންގަވައިގެން މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރާނަމަ މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށް ގަވައިދު ބުނާ ކަމަށައި ދޫކޮށްލާނަމަ އެކަމުގެ ސިޓީ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށާއި އެ ސިޓީ މަޖިލީހުގައި ރިޔާސާތުން އިއްވަން ޖެހޭނެ ކަމަށް ވިދާޅުވެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް ވާހަކަފުޅު ދެއްކެވެމުން ރިޔާސަތުން އެކަން ބަލައި ގަނެ މަޖިލިސް މެދުކަނޑައިލެއްވީ ރިޒާ ދޫކޮށްލި ކަމުގެ ސިޓީ ފުލުހުންގެ ކިބައިން ލިބުމުން މަޖިލިސް ފެށުމަށެވެ.

އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ މަޖިލީހުގައި އޭނާގެ ސިިޔާސީ ފިކުރު ތަފާތުވި ނަމަވެސް މެންބަރުންގެ މައްސަލައިގައި މަސައްކަތް ކުރައްވާނީ އަކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

ޖަލްސާ މެދުކަނޑައިލި އިރު ރޭ ދަންވަރު އެމްޑީޕީން ވަނީ މިއަދު މަޖިލިސް ކުރިޔަށް ނުގެންދާނެ ކަމަށް ބުނެ ބަޔާނެއް އާންމުކޮށްފަ އެވެ. އެ ބަޔާނުގައި އަލީ ރިޒާ، ގާނޫނު އަސާސީއާ ޚިލާފަށް ބަންދުކޮށްފައި ވަނިކޮށް، އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކުރިޔަށް ގެންދަން ބޭނުން ނުވާތީ މާދަމާ މަޖިލިސް ކުރިޔަށް ނުގެންދިއުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.