16 Jul 2012, 23:30
މިހާރު ހޫނުވެފައިވާ ސިޔާސީ މަޝްރަހަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހާއްސަ ކެމްޕެއިނެއް ފަށަން ނިންމައިފި އެވެ.
އެޗްއާރްސީއެމުން މިރޭ އާއްމުކުރި ބަޔާނެއްގައި ބުނަނީ ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމާއެކު މާލޭގައި އަމާން ރައްކާތެރި ސުލްހަ މާހައުލެއް ގާއިމުކުރުމަށްޓަކައި އެ ކޮމިޝަނުން ހާއްސަ ހަރަކާތްތަކެއް ފަށަން ނިންމީ ކަމަށެވެ.
ކޮމިޝަނުން ބުނެފައިވަނީ އެ ކެމްޕެއިނުގެ މަގުސަދަކީ ސިޔާސީ ހަލަބޮލި ކަމާއި ހަމަނުޖެހުންތަކުން އުފެދިފައިވާ ނުތަނަވަސްކަން، ވާހަކަ ދައްކައިގެން އެކަން ކަމަށް ސުލްހަވެރި ހައްލެއް ހޯދުން ކަމަށާއި ރާއްޖޭގައި އަމާން ވެއްޓެއް ގާއިމުކުރުމަށް ސިޔާސީ ފަރާތްތަކާއި ސަރުކާރައި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން މަދަނީ އަދި ސިޔާސީ ހައްގުތަކާއި އިގުތިސާދީ އަދި އިޖުތިމާއި ހައްގުތަކާއި ޒިންމާތަކުގެ ގުޅޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުން ކަމަށެވެ.
"... މިކަމުގައި އާއްމު ފަރާތްތަކާއި މީޑިޔާގެ އެއްބާރުލުން މި ކޮމިޝަނަށް ނިހާޔަތަށް ބޭނުމެވެ. މިގޮތުން މައުލޫމާތު ފެތުރުމުގައި ހަގީގަތާއި އެއްގޮތަށް ހަބަރުތައް ގެނެސްދިނުމާއި މުޖުތަމައުގެ ނުތަނަވަސްކަން ނުއުފެދޭނެ ގޮތަށް މައުލޫމާތު ގެނެސްދިނުމާއި މީޑިޔާގެ ފަރާތްތަކުން ހެދިފައިވާ ސުލޫކީ މިންގަޑު ހިފެހެއްޓުމަކީ ކޮމިޝަނުގެ އެދުމެކެވެ،" ބަޔާނުގައި ވެއެވެ.
ހޫނުވެފައިވާ ސިޔާސީ މަޝްރަހަށް ސުލްހަ ވެރި ހައްލެއް ހޯދުމަށް އެކި ފަރާތްތަކާއި ބައްދަލުކުރުމުގެ އިތުރުން ދޭދޭ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ފަހިކޮށްދިނުމާއި މުޒާހަރާތަކާ ގުޅިގެން ހުށައެޅޭ މައްސަލަތައް އަވަހަށް ހައްލު ކުރުމަށް މަސައްކަތްކުރުމާއި މިހާރުވެސް މުޒާހަރާތައް މޮނިޓާރކުރާ ގޮތަށް މަސައްކަތް އިތުރަށް ހަރުދަނާކުރުން ހިމެނޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.