23 Aug 2010, 14:53
19:53
ކުރުނބާ މޯލްޑިވްސްގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެކަން ތަހުގީގު ކުރުމަށް ކުރުނބާ އަށް ދިޔަ ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން 19 މީހަކު މާލެ ގެނެސް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މިޑިޔާ އޮފިޝަލު ސަބް އިނިސްޕެކްޓާ އަހުމަދު ޝިޔާމު މިރޭ ވިދާޅުވީ ކުރުނބާ ރިސޯޓުގައި ހިނގަމުންދާ ހަމަނުޖެހުންތައް ފުލުހުން ތަހުގީ ކުރަމުންދާއިރު މުޒާހަރާގެ ބައިވެރިންގެ ތެރެން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް، މާލެ ގެނެސް މާލޭގައި ތަހުގީގުތައް ފައްޓާފައިވާ ކަމަށާއި އިތުރު ތަފުސީލެއް މިވަގުތަށް ދެވެން ނެތް ކަމަށެވެ. ނަމަވެސް އޭނާ އަދި ވިދާޅުވީ 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މުޒާހަރާގައި އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި ރިސޯޓުގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ބިރުދައްކައި ހަމަނުޖެހުން އުފައްދާފައި ވާތީ ކަމަށެވެ.
މެނޭޖްމަންޓުން ދިވެހި މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ކުއްލި ގޮތަކަށް ކުރުނބާގައި ފެށި މުޒާހަރާއާ ގުޅިގެން އެ ރިސޯޓުގައި ތިބި ޓޫރިސްޓުން ރިސޯޓު ދޫކޮށް މިއަދު ފުރައިގެން ގޮސްފައިވާއިރު ރިސޯޓު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ނަމަވެސް މުޒާހަރާތައް އަދިވެސް ނުހުއްޓޭ ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުންދެ އެވެ.
ޔުނިވާސަލްގެ ޗެއާމަން މުހަންމަދު އުމަރު މަނިކު ވިދާޅުވީ މުޒާހަރާއާ ގުޅިގެން ދެ މިލިއަން ޑޮލަރު ވަރު ގެއްލުންވެފައިވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރައްވާނެ ކަމަށެވެ.
މުޒާހަރާ ކޮންޓްރޯލްކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ފިޔަވަޅު ނޭޅުމުން ސަރުކާރަށް މުހަންމަދު މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ކަހަލަ ކަންތައްތަކަކީ ދައުލަތުން ވިސްނަވަން ޖެހޭނެ ކަންތައްތައް ކަމަށެވެ.
"ދައުލަތުން މިކަހަލަ ކަންތައްތަކަކީ ވިސްނަވަން ޖެހޭނެ ކަންތަތަކޭ އަޅުގަނޑު ދަންނަވާނީ. ރަށުގައި އިންވެސްޓްކޮށްގެން އުޅޭ މީހުންނަށް އިނާޔަތް ލިބުމަކީ ސަރުކާރުން ބަލަން ޖެހޭނެ ކަމެކޭ އަޅުގަނޑު ދަންނަވާނީ،" މުހަންމަދު މަނިކު ވިދާޅުވި އެވެ. "ބަޔަކު ގަވާއިދާ ހިލާފަށް ކަމެއްކޮށްގެން އުޅެންޏާ އެކަން ހުއްޓުވުމާއި އެކަން ހަމަ އަކަށް އެޅުވުމަކީ ސަރުކާރުގެ ވާޖިބެކޭ އަޅުގަނޑު ދަންނަވާނީ،" ސުޓްރައިކްކޮށް ހަޅޭއްލެއްވުމަކީ ކޮންމެ ބަޔަކު ވެސް ހުއްޓުވަން ޖެހޭ ކަމެއް."