ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަ ކުރަން ދިވެހި ޓްރެވެލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށްދޭ ޓްރެވެލް އެވޯޑް، "މޯލްޑިވްސް ޓުރެވަލް އެވޯޑްސް 2012" ޖީއެމްއާރުން ސްޕޮންސާކޮށްފި އެވެ.

ނަލަހިޔާ ހޮޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަޓާޓޯގެ ފަރާތުން ވަނީ އެވޯޑް އޮގަނައިޒް ކުރުމަށް ހައިރައިޒާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖީއެމްއާރާއި ހައިރައިޒްއާ ދެމެދު ވެސް އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އެއީ އެވޯޑް ސުޕޮންސާ ކުރުމުގެ އެއްބަސްވުމެކެވެ.

ޖީއެމްއާރްގެ ފަރާތުން އެ ސްޕޮންސާގައި ސޮއިކުރެއްވީ ޖީއެމްއާރް އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން އެވެ. ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަ މާކެޓިން އެންޑް ޕީއާރް އިސްމާއިލް ހަމީދެވެ.

އެއްބަސްވުމުގައި ސޮއިކުރެއް ވުމަށްފަހު ޖީއެމްއާރް ސީއީއޯ އެންޑްރޫ ހެރިސަން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުމުގެ ގޮތުން ދޭ އެއެވޯޑް ސްޕޮންސާ ކުރުމުން އެކަމަށް ބޭނުންވާ ހުރިހާ ހަރަދަކާއި އެހީތެރިކަން ޖީއެމްއާރުން ވާނެ ކަމަށެވެ.

އެންޑްރޫ ވިދާޅުވީ ޓޫރިސްޓުނަށް ރާއްޖެއިން ދޭ ހިދުމަތަކީ ވަރަށް ރަނގަޅު ހިދުމަތެއް ކަމަށާއި މިފަދަ އެވޯޑެއްގައި ބައިވެރިވުމުގެ ފުރުސަތު ޖީއެމްއާރަށް ލިބުމުން އުފާ ކުރާ ކަމަށެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ މަޓާޓޯގެ އެވޯޑަކީ ވަރަށް މުހިންމު އެވޯޑެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރެވިގެން ދާނެ ކަމަށެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާގިނަ ހަރަކާތްތަކެއް ހިންގާފައެއް ނުވޭ. ނަމަވެސް އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ގިނަ ހަރަކާތްތަކެއް ހިންގާނަން، އަދި މި އެވޯޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރެވިގެންދާނެ،" އަދީބު ވިދާޅުވި އެވެ.

މަޓާޓޯއިން ބުނީ ތަފާތު ކެޓަގަރީތަކުން 33 އެވޯޑެއް ދޭން ނިންމާފައިވާ ކަމަށާއި އެއެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

މަޓާޓޯގެ އެވޯޑް ދޭން ހަމަޖައްސާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.