16 Jul 2012, 21:53
ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްުޔަރުކުރި މައްސަލައިގައި ދައުވާ ކުރަން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބްރިގޭޑިޔާ ޖެނެރަލް އިބުރާހިމް މުހައްމަދު ދީދީ އޭނާގެ މަގާމުން އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.
އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކާނަލް އަބްދުއް ރަހީމް، މިރޭ ވިދާޅުވީ އިބުރާހިމް ދީދީ އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެން ފޮނުވާފައިވާ ސިޓީ ޑިފެންސް މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތަށް މިހާރު ހިނގަމުން އަންނަ ކަމަށެވެ.
"އަދި އެބޭފުޅާ މިއަދު އިސްތިއުފާއަށް އެދި ހުށައެޅީ. އަދި އެކަން ހަމަޖައްސާ ގޮތެއް މުޅިއަކުން ޑިސައިޑް ނުކުރޭ. އެބޭފުޅާ އަމިއްލަފުޅަށް އެދިވަޑައިގެންފައިވަނީ އަމިއްލަފުޅަށް ސިފައިންގެ ހިދުމަތުން ރިޓާޔާ ކުރެއްވުމަށް،" އަބްދުއް ރަހީމު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިބުރާހިމް ދީދީ އަމިއްލަފުޅަށް އިސްތިއުފާ ހުށއެޅުއްވީ ޝަރަފުވެރިކަމާއިއެކު ސިފައިންގެ ހިދުމަތުން ވަކިވެ ވަޑައިގެންނެވުމަށް ކަމަށެވެ.
އަބްދުﷲ ގާޒީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން ގެންގޮސް ސިފައިންގެ ބަންދުގައި ބެހެއްޓި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭގެ ފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކާނަލް މުހައްމަދު ޒިޔާދާއި އޭރު ސިފައިންގެ މާލެއޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ދައުވާކުރަން ޕީޖީ ވަނީ ނިންމަވާފަ އެވެ.
އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެކޮޅުގެ ދޮރު ހަލާކު ކޮށްލައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސަސްގެ ފަރާތުން އެގެއަށް ވަދެ އަބްދުﷲ ޣާޒީ ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދިޔައީ 16 ޖެނުއަރީ 2012 ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އޭގެފަހުން އެތަކެއް ފަހަރުމަތިން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުތަކުން ކުރި އަމުރުތަކަށް ސިފައިން ވަނީ އިޖާބަ ނުދީފަ އެވެ. އަބްދުﷲ ގާޒީ މިނިވަންކޮށްފައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު އެވެ.