19 Feb 2025, 08:56
ފިލްމު "ޕުޝްޕާ"ގެ އެކްޓަރު އައްލޫ އަރުޖުންގެ ކުރިއަށް އޮތް ފިލްމުގެ ބަތަލާގެ ރޯލް ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން އައްލޫ އަރުޖުން ލީޑް ރޯލް ކުޅޭ މި ފިލްމަކީ ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓްލީގެ ފިލްމެކެވެ. އައްލޫ އަރުޖުން ކުރިން ރާވާފައި ވަނީ ޑައިރެކްޓަރު ތްރީވިކްރަމްގެ ފިލްމުގެ މަސައްކަތް އަވަހަށް ފަށަން ނަމަވެސް އެ ފިލްމުގެ ފެށުން ލަސްވުމާ ގުޅިގެން އައްލޫ މިހާރު ނިންމާފައި ވަނީ އެޓްލީގެ ފިލްމަށް ވަގުތު ހުސްކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަށް ޖާންވީގެ ނަން ފައިނަލްވެފައިވާއިރު ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުނާލުކުރަން ނިންމާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ފިލްމު "ދަޅަކް"އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ވަނީ މިދިޔަ އަހަރު ރިލީޒްކުރި ތެލުގޫ ފިލްމު "ދޭވަރާ"އިން ސައުތު ސިނަމާއަށް ތައާރަފްވެފައެވެ. މި ފިލްމުގައި ޖާންވީ ފެނުނީ ތެލުގޫ އެކްޓަރު "އެންޓީއާރު ޖޫނިއާއާ އެކުއެވެ.

ބަތަލާ ޖާންވީ ތެލުގޫ އެކްޓަރު އެންޓީއާރު ޖޫނިއާއާ އެކު ފިލްމު "ދޭވަރާ"ގެ ޕްރޮމޯޝަން ހަފްލާއެއްގައި--ފޮޓޯ/އެމް9.ނިއުސް
ސައުތު ސިނަމާ އަކީ ޖާންވީގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީ ފިލްމީ ކެރިއަރުގެ ފެށުން ކަމަށާއި ސައުތު ސިނަމާގެ ފިލްމުތަކުގައި މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޖާންވީ ވަނީ ބުނެފައެވެ.
ހަމައެއާއެކު އެއީ މަންމަ ސްރީދޭވީ ބަތަލާގެ ގާތުގައި ހުންނަ ކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރުވާ ކަމެއް ކަމަށާއި ސައުތު ސިނަމާއިން ލިބޭ ފުރުސަތުތައް ދޫކޮށްނުލާނެ ކަމަށް ޖާންވި ވަނީ ބުނެފައެވެ.
ޖާންވީ އަންނަނީ ތެލުގޫ އެކްޓަރު ރާމް ޗަރަންއާ އެކު އިތުރު ސައުތު ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު އެކްޓަރު ސިދާތު މަލްހޯތްރާއާ އެކު "ޕަރަމް ސުންދަރީ"ގެ ނަމުގައި ގެނެސްދޭ ފިލްމެއްގައި ވެސް ޖާންވީ އަންނަނީ މަސައްކަތް ކުރަމުންނެވެ.