ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު އީގަލްސް އަތުން 4-1 ލަނޑުން މޮޅުވެ، ލީގުގެ ދެ ވަނަ މަގާމަށް ވީބީ އައްޑޫ އެފްސީ ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވީބީ އިންނެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސަންވީލް ޤާސިމް (ބޮންޑާ) އެވެ. މެޗުގައި ވީބީއިން ލީޑް ފުޅާކުރި ލަނޑު ދެ ވަނަ ހާފުގެ 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިސްމާއިލް މުހައްމަދެވެ. އަދި އީގަލްސް ކޮޅަށް ވީބީން ޖެހި އެޓީމްގެ ތިން ވަނަ ލަނޑު ލިބުނު ހިލޭޖެހުމަކުން ބިދޭސީ ކުޅުންތެރިޔާ ސެންގޭސް ހުސެއިން ކާމިޔާބު ކޮށްދިން އިރު، އެޓީމްގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް އަބޫ އެވެ.

މެޗުގައި ވިބީކޮޅަށް އީގަލްސްއިންޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް މުސްތަފާ އަބްދުލް ކަރީމް (މުއްތު) އެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގެ ދެ ވަނަ މަގާމް ވީބީއަށް ލިބެނީ އެޓީމަށްވުރެ އެއްމެޗް މަދުން ކުޅެ، އެކަމަކު ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާ ވިކްޓަރީގެ މައްޗަށް ހަތަރު ގޯލުގެ ތަފާތުން ކުރި ހޯދައިފައިވާތީއެވެ. އެގޮތުން ލީގުގައި މިހާތަނަށް ވީބީ ކުޅުނު 11 މެޗުން އެޓީމަށް ފައިދާ 12 ގޯލް ޖެހިފައި ވާއިރު، ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާ ވިކްޓަރީއަށް ލިބިފައި ވަނީ ފައިދާ އަށް ގޯލެވެ. ލީގުގައި މިދެޓީމަށް ވެސް ލިބިފައި ވަނީ 18 ޕޮއިންޓެވެ.

ލީގުގެ އެއްވަނާގައި މިވަގުތު 11 މެޗު ކުޅެގެން ނިއުރޭޑިއަންޓް 27 ޕޮއިންޓާއެކު އޮތް އިރު، މިއަދު ވީބީ އަތުން ބަލިވި އީގަލްސް އޮތީ ފަސް ވަނާގައި 13 ޕޮއިންޓާއެކު އެވެ.

މިއަދުގެ މެޗަށް ފަހު ވީބީގެ ކޯޗް ޖޭން ވަންލީ ބުނީ، އުންމީދު ކުރި ވަރުގެ ނަތީޖާއެއް އޭނަގެ ޓީމުން މިއަދު ނެރުނު ކަމަށާއި އެގޮތުން ޓީމްގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް މިއަދުގެ މެޗުގައި ފެނުނު ކަމަށެވެ. އަދި މެޗުން ބަލިވި އީގަސްގެ ކޯޗް ސާންތީ ބުނީ، މިއަދުގެ މެޗަށް އޭނަގެ ޓީމުން ތައްޔާރު ވާންޖެހޭ ވަރަށް ވެފައި ނުވާކަމަށެވެ.

ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެޓީމަކީ ވިކްޓަރީ އާއި ވިޔަންސާއެވެ.