18 Feb 2025, 18:51
ފަޅު ރަށެއްކަމަށްވާ ރ. އަތޮޅު "އުފުލަންދޫ"އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އެ އަތޮޅު "ތާވަތާ" އަކީ މީދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުއްވި ޤަރާރެއްގައެވެ.
ރައީސް މިގޮތަށް ކަނޑައަޅުއްވާފައިވަނީ، އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ރަށްތައް މަޑުއްވަރީ އަދި މީދޫގެ އިހުތިޞާޞްގެ ތެރޭގައި ހިމެނުމަށް ނިންމަވާ، ރައީސް އެކަން އިއުލާނު ކުރެއްވީ، މިދިޔަ މަހުގެ 22ވަނަ ދުވަހު އެއަތޮޅަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅަކީ އެދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި އިގްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، އާންމު ސިއްހަތަށް ވެސް އެންމެ ރަނގަޅު ހައްލުކަމަށް ވާތީކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެރަށްތަކަށް ބަދަލުކުރެއްވުމަށް ރައީސްގެ އެދުވަހުގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވެއެވެ.
ރައީސް ގެންދަވަނީ ރަށްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި، އެރަށްތަކުގެ ރައްޔިތުން އެންމެ އެދޭކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.