16 Jul 2012, 19:29
އެމްޑީޕީން ސީދާ ހަރަކާތުގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން 21 މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ، މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން 181 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 160 މީހަކު ދޫކޮށްލާފައިވާ އިރު 21 މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ނަވާޒު ވިދާޅުވި އެވެ. އޭގެތެރޭ އަންހެނުން ވެސް ހިމެނެ އެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކާ ހެދި މައްސަލަ ބަލަމުން އަންނަ ބައެއް ކަމެއް ނަވާޒު ވިދާޅެއް ނުވެ އެވެ.
ނާވާޒު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން ކަމަށް ބުނެ މުޒާހަރާ ކުރި ނަމަވެސް ވޭތުވެދިޔަ ރޭތަކުގައި ފެނިފައި ވަނީ ޖިނާއީ ކުއްތަކަށް އަރައިގަތުން އެފަދަ ޢަމަލުތައް ހިންގަމުންގެންދާތަން ކަމަށެވެ. އެގޮތުން ފުލުހުންގެ ލައިންތަކުގައި ތިބޭ ފުލުހުން މުޒާހަރާގެ ތެރެއަށް ގަދަކަމުން ވައްދާ އަނިޔާކޮށްހަދާ ކަމަށާއި މިރުސްފެނާއި ބަރިއާއި ތިމަރަފަދަ އެއްޗެއްހި ފުލުހުންނާ ދިމާލަށް އުކާފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ. އަދި ލަކުޑި ފަތިތަކުގައި މޮހޮރު ޖަހައިގެން ފުލުހުންނާ ދިމާލަށް އުކާހަދާފައިވާ ކަމަށް ބުނެ އެކަން ނަވާޒު ވަނީ ކުށްވެރިކޮށްފަ އެވެ.
"ލަކުޑި ފަތިބުރި ހިފައިގެން ފުލުހުންނާ ދިމާ ކުރުމާއި އެއްވެފައި ތިބިމީހުން ފުލުހުންގެ ސަފުތަކުގައި ތިއްބައި ގަދަކަމުން އަތުގައި ހިފުމަށް ފަހު އެތެރެއަށް ވައްދައި މާރާމާރީ ހިންގައި އަނިޔާ ކުރުމާއި އަދި މާރާމާރީ ހިންގުމަށް ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވޭފަދަ އެއްޗެއްހި ބޭނުން ކޮށްގެން ފުލުހުންނަށް ހަމަލަދީފައިވޭ،" ނަވާޒު ވިދާޅުވި އެވެ.
ފުލުހުންނާ ހަޑިހުތުރުބަހުން މުއާމަލާތްކޮށް އެމީހުންގެ މައިންބަފައިންނާ ބެހެމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ނަވާޒު ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފުލުހުންގެ ފަރާތުން މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ބެލޭނެ މިނިވަން މުއައްސަސާތައް އެބަހުރި ކަމަށާއި އެފަދަ ޝަކުވާއެއް އޮތްނަމަ އެ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް ވެސް ނަވާޒު ވަނީ ގޮވާލައްވާފަ އެވެ. އަދި ކުރީގެ ރައީސް ނަޝީދުގެ ދެލޯފުޅަށް ޕެޕާސްޕްރޭ ޖެހި ކަމަށް ބުނާ މައްސަލަ ވެސް އެ އުސޫލުން ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ގާނޫނުން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން މުޒާހަރާތައް ކުރާއިރު ޖިނާއީ އެއްވެސް ކުށަކަށް އަރައިނުގަނެ މުޒާހަރާތައް ނިންމާލުމަށް އެދިފަ އެވެ.
"ރޭގައި މުޒާހަރާ ނިންމާލާފައި ވަނީ ބާރުގެ ބޭނުން ނުކުރަނީސް. އަޅުގަނޑުމެން އެދެނީ އެ ގޮތަށް ކަންތައް ކުރުން. ޖިނާއީ ކުށަކަށް އަރައިނުގަނެ،" ނަވާޒު ވިދާޅުވި އެވެ.
އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާތަކުގައި އާންމުންނާއި ނޫސްވެރިންނަށް އަނިޔާވެފައިވާ އިރު، ސީރިއަސް ޒަޚަމްތަކެއް ލިބުނު ފުލުހަކަށް މިހާރު ވެސް އަންނަނީ ރާއްޖޭންބޭރުގައި ފަރުވާ ދެމުންނެވެ. ނަވާޒު ވިދާޅުވީ މިހާތަނަށް އަނިޔާވެގެން 17 ފުލުހަކަށް ފަރުވާދީފައިވާ ކަމަށެވެ.
މި އަހަރު ތެރޭ އަވަސް އިންތިހާބެއް ބާއްވާނެ ތާރީހެއް ސަރުކާރުން ދެންދެން އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތައް މިރަމަޟާން މަހު ވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.