އިސްލާމިކް މިނިސްޓަރު މުހަންމަދު ޝަހީމް އަލީ ސައީދުގެ ކާރުކޮޅު މިއަދު ދުއްވާފައި ދަނިކޮށް އެ ކާރުގައި ސައިކަލަކުން ޖައްސާ ކާރުގެ ބިއްލޫރި ގަނޑު ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ މިނިސްޓަރުގެ ކާރުގައި ސައިކަލަކުން ޖައްސާ ގެއްލުންދިނީ މިއަދު ހަވީރު 5:15 އެހާކަންހާއިރު، އެ ކާރު ބުރުޒު މަގުން މާފަންނު އަޑު ކައިރިން ދުއްވާފައި ދަނިކޮށް ކަމަށެވެ. އެ ވަގުތު ކާރުގައި މިނިސްޓަރުގެ ދަރިފުޅު އިންނަމަވެސް އޭނާޔަށް ގެއްލުމެއް ނުވާ ކަމަށް ހަނީފު ވިދާޅުވި އެވެ.

"ދަރިފުޅު ސްކޫލުން ގޮވައިގެން ގެއަށް ދިޔަ ގަޑީގައި ހަމަލާދީފައި ވަނީ،" ހަނީފު ވިދާުޅުވި އެވެ.

ސައިކަލުން ޖެއްސުމުން ކާރުގެ ކަނާތް ފަރާތު ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސައިކަލުން ޖެއްސުމަށް ފަހު އެ މީހާ ފިލާފައިވާ ކަމަށެވެ.

މިނިސްޓާ ޝަހީމް މިރޭ ވިދާޅުވީ އިސްކަންދަރު ސްކޫލްގެ ގްރޭޑް ތިނެއްގައި ކިޔަވާ ވިދާޅުވާ ދަރިފުޅު ސްކޫލުން ގޮވައިގެން އަންނަނިކޮށް މިއަދު ކާރަށް ގަސްދުގައި ހަަމަލާދީފައިވާއިރު އިއްޔެ އެމަނިކުފާނު ކާރުކޮޅުގައި އިންނަވަނިކޮށް ވެސް ހަމަލާދީފައިވާ ކަމަށެވެ.

"މިއީ ދެވަނަ ފަހަރު ކާރަށް ހަމަލާދޭ، އިއްޔެ އަޅުގަނޑު ކާރުގައި އިންދާ ގޭގެ ކައިރިން ވަނީ ތަޅުދަނޑިއަކާއެކު ގޮށްމުއް ކަވާފައި ކާރުގައި އަޅުގަނޑު އިން ދިމާގައި ޖަހާފައި. އަޅުގަނޑުގަނޑަކަށް ނޭނގޭ ކީއްވެގެން ކަމެއް. އަޅުގަނޑަށް އެއްވެސް އިންޒާރެއް ވެސް ދީފައެއް ނުވޭ. އަދި އަޅުގަނޑު ވެސް ތުހުމަތު ކުރާ މީހަކު ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދުގެ ކާުރުކޮޅަށް ހަމަލާ ދިނުމުގެ ސަބަބުން ދަރިފުޅު ވަރަށް ބޮޑަށް ބިރުގަނެ ނަފުސާނ ގޮތުން އޭނާއަށް އަސަރުކޮށްފައިވާ ކަމަށެވެ.

މިދިއަ ހަފުތާގައި މިނިސްޓަރު ދިޔާނާ ސައީދުގެ ކާރުކޮަޅުގައި ހުޅުޖަހާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދާއި އެމަނިކުފާނުގެ ދަރިކަލުން ހުކުރުން ގެއަށް ވަޑައިގަންނަވަނިކޮށް ވެސް ކާރުކޮޅަށް ބަޔަކު ވަނީ ހަމަލާދީފަ އެވެ.