މަޖީދިއްޔާ ސުކޫލްގެ ޕްރިންސިޕަލްއަކަށް އަޙްމަދު މުޖާހިދު އައްޔަނުކޮށްފިއެވެ.

އެ ސުކޫލުގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ ސުކޫލުގެ ޕްރިންސިޕަލްގެ މަގާމާ އަލަށް ހަވާލުވެލެއްވި މުޖާހިދު, މިއަދު ޑިއުޓީއަށް ނުކުންނަން ފައްޓަވާފައިވާ ކަމަށެވެ.

މަޖީދިއްޔާ ސުކޫލަށް ޕްރިންސިޕަލްއަކު ހަމަޖައްސާފައި ވަނީ އެ ސުކޫލުގެ ޕްރިންސިޕަލް ކަން 15 އަހަރު ވަންދެން ކުރެއްވި އައިޝަތު މުހައްމަދު ޞާލިހު މިދިޔަ މަހު ރިޓަޔާކުރެއްވުމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މުޖާހިދު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

މުޖާހިދަކީ ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ކަން ވެސް ކުރައްވާފައެވެ. އަދި، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، ގައުމީ ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާގެ މަގާމު އޭނާ ފުރުއްވާފައިވެ އެވެ.

މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީއިން މާސްޓާޒް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.