16 Jul 2012, 18:13
މިއަހަރު ރޯދަމަހު މަހުގެ އެކިބާވަތްތަށް ހެޔޮއަގުގައި ރައްޔިތުނަށް ފޯރުކޮށް ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ސަރުކާރުގެ މަސްކުންފުނި މޯލްޑިވުސް އިންޑަސްޓުރިއަލް ފިސަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން ކުރަމުންދާ މަސައްކަތް ހިއްސާ ކުރުމުގެގޮތުން މިއަދު ވެލަނާގޭ މީޓިން ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަފުޅު ދައްކަވަމުން މިފްކޯގެ މެނޭޖިންގް ޑިރެކްޓާ ހަސަން ޝާފިއު ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށްގެން މިފްކޯއިން ހާއްސަ ތައްޔާރީތަކެއްވަމުން އަންނަކަމަށާއި މި ރޯދަމަހު މިފްކޯއިން ވިއްކާ މަސް ޕެކްކޮށްފައި ހުންނާނީ ޔޫރަޕަށް މަސް ފޮނުވަން ޕެކްކުރާ ކޮލެޓީގައި ކަމަށެވެ.
"ރައީސް ޖުމްހޫރިއްޔާ ވަރަށް ބޮޑަށް އެދޭ މިފަހަރު ރޯދަޔަށް މަހުގެ ބަވަތްތަކުގެ އަގުހެޔޮކޮށްދިނުމަށް އެކަމަށް އަޅުގަނޑުމެން މިދަނީ ބޮޑު މަސައްކަތްތަކެއް ކުރަމުން" ޝާފިއު ވިދާޅުވި އެވެ.
މިފްކޯގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަ އަލީ އިސްމާއިލް ވިދާޅުވީ މިއަހަރު މިފްކޯއިން ވިއްކާ މަސް ވިއްކުމަށް ހަމަޖެހިފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ރޭންޖެއްގެ ތެރޭގައި ކަމަށާއި އަގުހެޔޮކޮށް ރޯދަމަހު އެހިދުމަތް ދެމުންގެންދާނެ ކަމަށެވެ.
އަދި ވިދާޅުވީ ރޯދަމަހު މާލޭގަ އުޅޭ ފަރާތްތަކަށް މަސް ގަތުމަށް ފަސޭހަކުރުމުގެ ގޮތުން މިފްކޯއިން އަލަށް ދެ ފިހާރަ ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނީ އޭގެ ތެރެއިން އެއްފިހާރަ ހުޅުވަން ހަމަޖެހިފައިވަނީ ބޮޑެތި ތައްޔާރުވުންތަކާއެކު ކާނިވާ ސަރަހައްދުގައި ކަމަށެވެ. އަދި "ފަސްމީރު މަސް މާރުކޭޓް" ނަމުގައި އަނެއް ފިހާރަ ހުޅުވާނީ މިފްކޯގެ މިހާރުގެ މަސް ފިހާރައާ ޖެހިގެން ކަމަށެވެ.
"މިފްކޯ މަސް މާރުކޭޓުން" ކަނޑުމަހާއި ކަންނެލީގެ ބާވަތްތަށް ބޭނުން ސައިޒަކަށް ކަޑައިގެން ގަނެލެވޭނެ، އަނެއްކޮޅުން މިތަނުގެ މައިގަނޑު އަނެއް ފަސޭހައަކަށް ވާނީ ފަސޭހައިން މަސް ގަނެވުން، ދެވަނަ ކަމަކީ ސާފުތާހިރުކަމާއި މަހުގެ ކޮލެޓީ ރަގަޅުވުން،" އިސްމާއިލް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހުޅުމާލެ މަސް ފިހާރައިން މިފްކޯއިން ތައްޔާރުކުރާ ހުރިހާ ބާވަތްތަކުގެ މަސްލިބޭނެ ކަމަށާއި މިފްކޯގެ މަހުގެ ބާވަތްތަށް މިފްކޯއިން ފޯރުކޮށްދޭ އަގުތަކުގައި މާލޭގެ އެކި ހިސާބުތަކުން ފޯރުކޮށްދިނުމަށް ސުޕަމާކެޓްތަކައި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ "ބަދިގެ ޑޮޓްކޮމް"އާ ގުޅިގެން މަސް ޑެލިވަރީކުރުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށެވެ.
ފަސޭހައިން ތައްޔާރު ކޮށްލެވޭގޮތަށް މިފްކޯއިން ނެރޭ ބައެއް ބުރޭންޑަތަށް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ބާޒާރަށް ނެރެން ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިފަހަރުވެސް ރައްޔިތުނަށް ފަސޭހައިން ތައްޔާރުކުރެވޭގޮތަށް ތޮމްޔޮމް ސޫޕު، ފުރޯޖެން ޕިއްޒާފަދަ ސަބުމެރީން ފަދަ ތަކެތި ވެސް ތައާރަފްކުރާންނަން އެތަކެތިވެސް ތައްޔާރުކުރާނީ އަޅުގަނޑުމެންގެ ސިއްހީ ރަނގަޅު މިންގަޑުގެ ތެރެއިން،" އިސްމާއިލް ވިދާޅުވި އެވެ.
މިފްކޯގެ އިތުރުން ސަރުކާރު ހިއްސާވާ އަނެއް ކުންފުނި ކަމަށްވާ ކޫއްޑޫ ފިސަރީޒް މޯލްޑިވްސްއިން ދަނީ ރޯދައަށް ރައްޔިތުނަށް ހެޔޮ އަގުގައި މަސް ފޯރުކޮށް ދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރޯދަމަހަށް ހާއްސަކޮށްގެން އާ ފިހާރައެއް ހުޅުވުމާއި އެސްޓީއޯގެ ފިހާރަތަކުން ކޫއްޑޫގެ މަސްގަންނަން ލިބޭނެ އިންތިޒާމް ކޫއްޑުއިން ދަނީ ހަމަޖައްސަމުންނެވެ.