18 Feb 2025, 10:12
ބޭރު ގައުމެއްގެ ސަފީރުކަން ލިބުމަކީ ޗުއްޓީ ހަދައިލަން ރާއްޖެއިން ބޭރަށް ދާން ލިބޭ ފުރުސަތެއްކަމަށް ވިސްނައިގެން ނުވާނެކަމަށް އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބައެއް ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަހުސްކޮށްފައެވެ.
އެއާއެކު އެ ބަހުސްގައި، ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ސަފީރުން މަސައްކަތް ކުރައްވަން ވާނީ، ސަފީރުކަން ލިބޭ ގައުމަށް ވަޑައިގެން ރާއްޖޭގެ އިގްތިޞާދު ކުރިއަރުވަން ކަމަށެވެ.
އަދި މަސައްކަތް ކުރަންވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަ ކުރިން ވެސް ދެންނެވިހެން އަޅުގަނޑު ދަންނަވައިލާނީ މި ކަނޑައެޅޭ ސަފީރުން އެ ބޭފުޅުންގެ ހޮލިޑޭ ޑެސްޓިނޭޝަނެއް ކަމުގައި ނުބައްލަވާށޭ،" އޭނާ ވިދާޅުވިއެެވެ.
މަދުން ނަމަވެސް ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ކުރާ ޚަރަދުތައް ބޮޑުވުމާއި، އެންމެ ރަނގަޅު ނަތީޖާ ދިވެހީންނަށް ނުފެންނަކަމުގެ ޝަކުވާތައް އިވެއެވެ.
އަދި ސަފީރުކަމާ ހަވާލުވެ، އާއިލާއާއެކު ސަފީރުން ދިރިއުޅުން ބަދަލުކޮށް ދައުލަތުގެ ޚަރަދުގައި އަމިއްލަ މަންފާއަށް މަސައްކަތްކުރާ ކަމުގެ ފާޑުކިޔުން ވެސް އަމާޒުވެއެެވެ.