ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ބަތަލާ އިލިއާނާ ޑި ކްރޫޒް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.

އިލިއާނާގެ އިންސްޓަގްރާމްގައި ނުސީދާގޮތަކަށް އެކަން އިއުލާނުކޮށްފައިވާއިރު ބަތަލާ ދެވަނަ ދަރިފުޅަށް ބަލިވެއިން ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު އިލިއާނާ އިންސްޓަގްރާމްގައި ކުރި ހިއްސާކުރި ވީޑިއޯއެއްގައި ވެސް ބަތަލާ ބަލިވެއިންކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ.

އިލިއާނާ އިންސްޓަގްރާމްގައި މި ފަހުން ކުރި ޕޯސްޓެއްގައި ފެންނަނީ ބަތަލާ ދަންވަރު 'ސްނެކް'ގެ ގޮތުގައި ކެއުމަށް ބޭނުންކުރާ ތަކެތީގެ ފޮޓޯއެކެވެ. ގިނަ ބަޔަކަށް ސަމާލުކަން ލިބުނީ މި ފޮޓޯގެ ކެޕްޝަންގެ ގޮތުގައި އިލިއާނާ ލިޔެފައި އޮތް 'ބަލިވެއިންކަން ސީދާ ނުބުނެ ބަލިވެއިންކަމަށް ބުނާނީ ކިހިނެއް' މި ލިޔުންކޮޅަށެވެ.

އިލިއާނާ ފިރިމީހާ މައިކަލްއާ އެކު--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑް ފިލްމު "ބަރުފީ"އިން އާންމުންގެ ސަމާލުކަން ހޯދި ބަތަލާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފައިވަނީ މީގެ ދޮޅު އަހަރެއްހާ ކުރިންނެވެ. އިލިއާނާ ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ފޮޓޯގްރާފަ އެންޑްރޫ ނީބޯންއާ އެކު ކުރެވުނު ކައިވެނި ރޫޅުނީ 2019 ވަނަ އަހަރެވެ. ދެ މީހުންގެ ގުޅުން ނިމުމަކަށް އައިރު އެންޑްރޫއާ ކައިވެނިކޮށްގެން އުޅޭ ކަމަށް ސީދާ އިލިއާނާ ހާމަކޮށްފައެއް ނުވެއެވެ.

މިހާރުގެ ފިރިމީހާ މައިކަލް ދޮލަންއާއި އިލިއާނާ ކައިވެނިކުރީ 2023 ވަނަ އަހަރުގެ މެއި މަހެވެ. ފިލްމު "ބަރުފީ"ގެ އިތުރުން އިލިއާނާގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "ރުސްތަމް"، "ރެއިޑް"، "ބާދްޝާހޯ" އަދި މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ދޯ އޯރު ދޯ ޕިޔާރު" ހިމެނެއެވެ.