16 Jul 2012, 17:48
މި އަހަރު ތެރޭގައި އަވަސް އިންތިހާބެއް ބާއްވާނެ ތާރީހެއް ސަރުކާރުން ދެން އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތައް މިރަމަޟާން މަހު ވެސް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާ ހަވާލާދީ އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން ކުރިއަށް ގެންދާ ސީދާ ހަރަކާތްތައް ބާރަށް ކުރިއަށް ގެންދާނެ ކަމަށާއި ރޯދަ މަހު އެމްޑީޕީގެ އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު މާދަމާ އޮންނަ އެ ޕާޓީގެ ގައުމީ ހިނގާ ކޮމިޓީގައި މަޝްވަރާކުރުމަށް ފަހު ގޮތްތަކެއް ނިންމާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މިހަރަކާތްތައް ދެން ހުއްޓާލާނީ އިންތިހާބު މި އަހަރުގެ ތެރޭގައި ބާއްވާނެ ތާރީހެއް ސަރުކާރުން ދިނީމާ. އޭގެ ކުރިން ރޯދަ މަހެއް ކަމަކު އެ ހަރަކާތްތައް ހަމަ ވަރަށް ބާރަށް ދާނީ ކުރިއަށް،" އިންތި ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓާނުލާ ނަމަ ސިޔާސީ ޕާޓީތަކާ އެކު ބާއްވާ ސުލްހައިގެ ވާހަކަތަކުގައި ރައީސް މުހައްމަދު ނަޝީދާ އެކު މަޝްވަރާ ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިނުގެންނަވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެފައިވާ ވާހަކަ އަށް ވެސް އިންތި ވަނީ ރައްދު ދެއްވައިފަ އެވެ.
އިންތި ވިދާޅުވީ ޑރ. ވަހީދު އޯލްޕާޓީ ޓޯކްސްގައި ބައިވެރިވެވަޑައިގަތުން އެމްޑީޕީ އަށް އެއް ގޮތަކަށް ވެސް މުހިންމު ނޫން ކަމަށާއި ވަހީދަކީ ސިޔާސީ ޕާޓީއެއްގައި ތިބުން އިލެކްޝަންސް ކޮމިޝަނުން ލާޒިމްކުރާ އަދަދަށް މެންބަރުން ހަމަވާ ސިޔާސީ ޕާޓީއެއް އޮތް ބޭފުޅެއް ވެސް ނޫން ކަމަށެވެ.
"ވަހީދު އުފައްދަވާފައިވާ ގައުމީ އިއްތިހާދު ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ލިބިފައިވާ އަދި ކައުންސިލް އިންތިހާބުގައި ވެސް ކާމިޔާބެއް ލިބިފައިވާ ޕާޓީއެއް ނޫން، ވަހީދު ސިޔާސީ ޕާޓީތަކުގެ މެދުގައި ދެކެވޭ ވާހަކަތަކުގައި ބައިވެރިކުރުން މުހިންމު ކަމަށް އެމްޑީޕީން ނުދެކެން،" އިންތި ވިދާޅުވެފައިވެ އެވެ