18 Feb 2025, 09:10
ކުރީގެ ވަރަށް ގިނަ ފިލްމުތަކުން އާއްމުންގެ ބޮޑު ތަރުހީބެއް ހޯދި ބަތަލާ ޝިލްޕާ ޝިރޯދްކަރު އެނބުރި ފިލްމީ ދާއިރާއާ ގުޅި ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ އާއްމުންގެ ވަރަށް ރަނގަޅު ރިވިއުތަކެއް ލިބުނު ފިލްމުތައް ކަމަށްވާ "ރުސްތުމް" އަދި "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ފަދަ ފިލްމުތައް ގެނެސްދީފައިވާ ޕްރޭރްނާ އަރޯރާއާއި ޒީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
"ޖަޓަދާރާ"ގެ ނަމުން ނަންދީފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ވެކަންތު ކާލްޔަންއެވެ. މި ފިލްމަށް ޝިލްޕާ ސޮއިކޮށްފައިވާއިރު މީގެކުރިން ވެސް ބަތަލާއަށް ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ޝިލްޕާއަށް ކަމުދާ ސްކްރިޕްޓެއް ހުށަހަޅާފައި ނުވުމުން ކުރީގެ ބަތަލާ ހުރީ ފިލްމީ ދާއިރާއާ ދުރުގައެވެ.

ޝިލްޕާ އެކްޓަރު އަޖޭއާ އެކު ފިލްމެއްގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ފިލްމު "ހަމް"، "ޕްރަތީކްޝާ"، "އާންކޭން" އަދި "ބޭވަފާ ސަނަމް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ބަތަލާ ފިލްމަކަށް ސޮއިކޮށްފައިވާއިރު ކަލަސް ޓީވީއިން ދާދިފަހުން ނިންމާލި ރިއަލިޓީ ޝޯ 'ބިގް ބޮސް' ސީޒަން 18އިން ބަތަލާއަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.
ޝިލްޕާ އެނބުރި ފިލްމީ ދާއިރާއިން ކުރިއަށްދާން ނިންމާފައިވާއިރު ބަތަލާ ވަނީ ބައެއް ޓެލެވިޒަން ޑްރާމާތައް ވެސް ކުޅެފައެވެ.
އޭގެތެރޭގައި، "އޭކް މުއްޓީ އާސްމާން"، "ސިލްސިލާ ޕިޔާރު ކާ" އަދި "ސާވިތުދޭވީ ކޮލެޖް އެންޑް ހޮސްޕިޓަލް" ހިމެނެއެވެ.
ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ޝިލްޕާއާއި ގޯވިންދާއަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ސްކްރީން ޖޯޑެވެ.