މަސްތުވާތަކެތީގެ މައްސަލައެއްގައި ފުޓުބޯޅަ ކުޅުންތެރިޔަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ވ.ހެދޭކުރި، އިބްރާހިމް ސިޔާދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް މިއަދު ސާބިތުވެފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް އަތުގައި ބެހެއްޓުމުގެ މައްސަލައާއި ބޭސްކުރުމުގެ ހުއްދަލިބިފައިވާ ޑޮކްޓަރެއްގެ ޕުރިސްކުރިޕުޝަނެއް ނެތި، ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދައުވާ އެވެ.

މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގައި ހުކުމް ކުރީ ފަސް އަހަރަށް ޖަލަށް ލުމަށެވެ. އަދި ވިޔަފާރި ކުރުމަށް މަސްތުވާ ބޭހެއް އަތުގައި ބެހެއްޓުމުގެ ކުށުގައި ހުކުމް ކުރީ 10 އަހަރަށް ޖަލަށް ލުމަށެވެ.

މިދިޔަ އަހަރު ކްލަބް ވިއެންސާ އަށް ކުޅުނު ސިޔާދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭނާގެ އަތުން 0.03917 ގުރާމު ހެރޮއިންއާއި 0.04101 ގުރާމު ހަ އެސިޓައިލު މޯފިނާއި، 0.01335 ގުރާމު ޒެނެކްސް ފެނިފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށެވެ.

އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެކުރިން އެތަކެއް ފަހަރު ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.

މީގެ އިތުރުން ދައުލަތުން އޭނާގެ މައްޗަށް ކުރި ވައްކަންކުރުމުގެ ދައުވާ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުނުވާކަމަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.