16 Jul 2012, 17:42
މީޑިއާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގުޅިގެން ކުރެވިދާނެ ކަންކަން ބެލުމަށް ދިރާސާކުރަން އެ ދެ މުއައްސަސާ އިން އެއްބަސްވެއްޖެ އެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުގައި އިއްޔެ މެންދުރު ފަހު ބޭއްވި ބައްދަލުވުމެއްގައި އެ ދެ ފަރާތުން ކުރި މަޝްވަރާގައި މިހާރުގެ ސިޔާސީ މާހައުލަށް ބަލައި މީޑިއާގެ ދައުރު ހަރުދަނާ ކުރަން ޖެހޭ ކަމަށް ފާހަގަކުރެވޭ ކަމަށާއި އަދި މީޑިއާގެ މިނިވަން ކަމަށް ބުރޫ ނާރާނޭ ގޮތެއްގެ މަތީން މި ދެ މުއައްސަސާގެ ޤާނޫނީ ދައުރު އަދާކުރުމުގައި ފުށުއަރާ ކަންކަންތަންފީޒު ކުރުމުގައި އެދެވޭ ހައްލެއް ހޯދުމަށް ދެ ފަރާތުން އެއްބާރުލުން ދިނުން މުހިންމު ކަމަށެވެ.
އަދި މީޑިއާ އާ ގުޅުން ހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް މުއައްސަސާތައް ހޭލުންތެރި ކުރުވުމުގެ މުހިއްމުކަމުގެ މައްޗައް މަޝްވަރާކުރުމުގެ އިތުރުން މީޑިޔާ ރެގިއުލޭތްކުރުމުގައި ވެސް ހަރުދަނާކޮށް ކަންކަން ކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.
"..މަޝްވަރާގެ އަލީގައި، ކުރިއަށް އޮތްތާގައި މީޑިއާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ދެ ފަރާތް ގުޅިގެން ހަރުދަނާ ކުރެވޭނޭ ކަންތައްތައް ދިރާސާކުރުމަށް އެއްބަސްވި. އަދި މީޑިއާގެ ދައުރާއި މި ދެ މުއައްސަސާ އަދާކުރާ ޤާނޫނީ ދައުރާ ބެހޭ ގޮތުން ދައުލަތުގެ މުއައްސަސާތައް ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމާއި މީޑިއާގެ ފަރާތްތަކާ ބައްދަލުކޮށް އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކުރިއަށް ދިއުމަށް ވެސް އެއްބަސްވި." ބަޔާނުގައިވެ އެވެ.