ރޯދަމަހު އަތޮޅު ތެރޭގެ ރަށްރަށުގައި ތަރާވީހު ނަމާދު ކުރުމަށް އިންޑިޔާ އިން 30 ހާފިޒުން މާދަމައިން ފެށިގެން ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ރާއްޖޭގައި މަސައްކަތް ކުރައްވާ ބޭރުގެ އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަތޮޅު ތެރޭގައި ތަރާވީހު ނަމާދު ކުރުމަށް ކައުންސިލްތަކާއި އަދާލަތު ޕާޓީގެ އެހީތެރިކަމާ އެކު ގެންނަ އިމާމުން މާދަމަ އިން ފެށިގެން ރާއްޖެ ވަޑައިގެންނަވާނެ ކަމަށެވެ.

މިނިސްޓަރު އަދި ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މާލޭގެ ބޮޑެތި މިސްކިތްތަކުގައި އަސުރުނަމާދަށް ފަހު ދީނީ ނަސޭހަތް ދެއްވުމަށް ވާއިޒުން ބޭރުން ނުގެންނަނީ ބަޖެޓްގެ ދަތިކަމުން ކަމަށާއި އެތަން ފޫބެއްދުމުގެ ގޮތުން އަޒުހަރު ޔުނިވާސިޓީ، ލަންކާ މިޝަން އާ ވާހަކަ ދައްކައިގެން މިވަގުތު ރާއްޖޭގައި ތިއްބެވި އަޒުހަރުގެ އިލްމުވެރިން މާލޭގެ ބޮޑެތި މިސްކިތްތަކުގައި ވައުޒު ވިދާޅުވުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.

"މިބައްދަލުވުމަކީ އަޒުހަރު މިޝަންގެ ފަރާތުން މާލޭގައި މަސައްކަތް ކުރައްވާ އިލްމުވެރިންނާ ބައްދަލުކޮށްލި ބައްދަލުވުމެއް. މުހިންމު ބޭނުމަކީ ރޯދަމަހު އަސުރު ނަމާދަށް ފަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ގޮތުން އެބޭފުޅުންނާ މަޝްވަރާކޮށް ކަންކަން ތަރުތީބު ކޮށްލުމުގެ،" ޝަހީމު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ދީނީ ނަސޭހަތް ދެއްވުމަށް ސައުދީ ސަރުކާރުން ފޮނުވާ ހަތަރު ބޭފުޅަކު ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރޯދަމަހު އިސްލާމިކު މަރުކަޒުގައި ނަމާދުކުރެއްވުމަށް ޕާކިސްތާނުގެ އިމާމަކު ރާއްޖެ ވަޑައިގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.