ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އޭނާގެ މާލީ ބަޔާން އާންމު ކުރައްވައިފި އެވެ.

މަހުލޫފު މިއަދު ހާމަކުރެއްވީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ އޭނާގެ ބަޔާނެވެ.
މަހުލޫފުގެ 2010 ވަނަ އަހަރުގެ މާލީ ބަޔާން ބުނާ ގޮތުން އޭނާގެ މިލްކިއްޔާތުގައި އެ އަހަރު ދިވެހި ރުފިޔާގެ ގޮތުގައި 812.74ރ. އާއި ބޭރު ފައިސާގެ ގޮތުގައި 300 ޑޮލަރު ހުއްޓެވެ. އަދި ޖުމްލަ ފައިސާގެ ގޮތުގައި 4،667.74 ހުރި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މާލީ ބަޔާން ބުނާ ގޮތުން މިދިޔަ އަހަރު އޭނާގެ މިލްކިއްޔާތުގައި ހުރީ ޖުމްލަ 4844.64ރ. އެވެ. އަދި ބޭރުފައިސާގެ ގޮތުގައި އޭނާގެ އަތުގައި ހުރީ އެންމެ 63.22 އެމެރިކާ ޑޮލަރެވެ.

މިލްކިއްޔާތުގައި ހުރި މުދަލުގެ ހިސާބުތަކަށްބަލާ އިރު 2010 ވަނަ އަހަރު މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތް ނަމަވެސް 2011 ވަނަ އަހަރު އޭނާގެ މިލްކިއްޔާތުގައި ހުރީ ހަމައެކަނި ވޭވް ސައިކަލެކެވެ.

މާލީ ބަޔާން ދައްކާގޮތުން 2010 ވަނަ އަހަރު މަހުލޫފުގެ އަމިއްލަ ނަމުގައި 1،194،996.78 ރުފިޔާ ޚަރަދުކޮށްފައިވާ އިރު މަޖިލީހުގެ މުސާރައިގެ ގޮތުގައި ލިބިފައިވާ 80،650ރ. މަހުލޫފުގެ މިލްކުގައި ހުއްޓެވެ. އަދި ވިޔަފާރި އާއި އެހެނިހެން ފައިސާގެ ގޮތުގައި 429،609ރ. ހުއްޓެވެ.

2010 ވަނަ އަހަރުގެ މަހުލޫފުގެ މާލީ ބަޔާން ދައްކާ ގޮތުން ކުރިން އޭނާގެ އަމިއްލަ ނަމުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަށް ޓަކައި އެސެންސް ދަ ކޮލީޝޮޕްގެ ނަމުގައި ވިޔަފާރިއެއް ހިންގާފައިވެ އެވެ. އަދި އެތާގެ 40 ޕަސެންޓް ހިއްސާ އޭނާގެ އަތުގައި އޮތް ނަމަވެސް އެ ހިއްސާ ވިއްކާލާފައިވާ ކަމަށް 2010 ވަނަ އަހަރުގެ މާލީ ބަޔާނުން ދައްކަ އެވެ.

މާލީ ބަޔާން އާންމު ކުރެއްވުމަށް ފަހު ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ މާލީ ބަޔާނުގައި އެެއްވެސް މައްސަލައެއް އުޅޭ ކަމަށް ފާހަގަކުރެވޭ ނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުވުމަށް އޭނާ އިލްތިމާސް ކުރައްވާ ކަމަށެވެ.

މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ މަޖިލީހުގެ މެންބަރުން ނަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި ދެމުން އަންނަ 20،000ރ. ކަނޑާލުމަށް އަނެއްކާވެސް އޭނާ މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި އެދެވޭ ގޮތެއްގައި މެންބަރުން މަސައްކަތް ނުކުރާ ކަމަކީ އެންމެން ވެސް ގަބޫލުކުރަން ޖެހޭ ދެތު ހަގީގަތެއް ކަމަށެވެ.