17 Feb 2025, 09:22
ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ މިލްކިއްޔާތުގައި ހުންނަ 'ސަނީ ވިލާ'ގައި މަލައިކާ ކެފޭއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މުމްބާއީގެ ޖުހޫ ބީޗް ސަރަހައްދުގައި ހުންނަ ސަނީ ވިލާ އަކީ އިންޑިއާގެ ވަރަށް ގިނަ ސެލެބްރިޓީންގެ އިތުރުން ނޫސްވެރިން ވެސް އެންމެ ގިނައިން ޒިޔާރަތްކުރާ އެއް ތަނެވެ. ސަނީގެ ބެލުމުގެ ދަށުން ހިންގާ މި ތަނުގައި ވަރަށް ވަރުގަދަ ސައުންޑު ސިސްޓަމަކާ އެކު ޕްރިވިއު ތިއޭޓަރެއް އަދި ޕޯސްތު-ޕްރޮޑަކްޝަން ސުއިޓުތަކެއް ވެސް ހުރެއެވެ.
މިދިޔަ ޖަނަވަރީ މަހު އެ ވިލާއަށް ޒިޔާރަތްކުރި ގިނަ ބަޔަކަށް މާޔޫސްކަން ގެނުވީ ކުރިން އެ ތަނުގައި ހިންގަމުން އައި ކެންޓީނު ވަގުތީ ގޮތުން ބަންދުކޮށްފައި ހުރުމުން ކަމަށާއި އެތަން ބަންދުކުރުމުގެ އަސްލު ސަބަބަކީ މަލައިކާގެ ކެފޭއެއް އެ ތަނުގައި ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަލައިކާ އިންޑިއާގެ ވެބް ކޮންޓެންޓަ ކާމިޔާއާ ޖާނީއާ އެކު އޭނާގެ ރެސްޓޯރެންޓްގައި--ފޮޓޯ/ކާލީޓޭލްސް
ރިޕޯޓުތައް ބުނާގޮތުން މި ކެފޭ ކުރިއަށް އޮތް މާޗް މަހު ހުޅުވުމުގެ ތައްޔާރީތައްވަމުން އަންނައިރު މިއީ ދާދި ފަހުން މަލައިކާ މުމްބާއީގެ ބަންދްރާގައި ހުޅުވި ރެސްޓޯރެންޓްގެ ގޮތްޕަކަށްވުން ވެސް އެކަށީގެންވެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުމްބާއީގެ ބަންދްރާގައި 'ސްކާލެޓް ހައުސް'ގެ ނަމުން ހުޅުވި ރެސްޓޯރެންޓަކީ މަލައިކާއާއި އޭނާގެ ދަރިފުޅު އަރްހާން ޚާން ގުޅިގެން ހިންގަމުން އަންނަ ތަނެކެވެ.
ސަނީއަށް 2023 ވަނަ އަހަރު ކުރިމަތިވި ދަރަނީގެ މައްސަލައެއްގައި ބޭންކް އޮފް ބަރޯދާއިން އެކްޓަރުގެ ނަމުގައި ހުންނަ ސަނީ ވިލާ އެ ބޭންކަން ނެގުމަށް ނޯޓިސް ވެސް ދިނެވެ.
ޖުމްލަ 56 ކްރޯޑު ރުޕީސް ބޭންކަން ދައްކަންޖެހޭ ކަމަށް ބުނެ, ސަނީއާ ދެކޮޅަށް މައްސަލަ ހުށަހެޅި ނަމަވެސް އޭގެ އެއް ދުވަސް ފަހުން ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ބޭންކުން ވަނީ އެ ނޯޓިސް އަނބުރާ ގެންގޮސްފައެވެ.
ސަނީ ވިލާގައި މަލައިކާ ހުޅުވާ ކެފޭ ނުވަތަ ރެސްޓޯރެންޓުގެ ސަބަބުން ސެލެބްރިޓީންނާއި ނޫސްވެރިންގެ އިތުރުން އާއްމުންނަށް ވެސް މި ވިލާއަށް ވަނުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.