17 Feb 2025, 09:08
އިންޑިއާގެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަ މަޝްހޫރު ހޯސްޓު ރަންވީރު އައްލާހްބާދިއާ އުޅެނީ ފުލުހުންނަށް ފިލައިގެން ނޫންކަމަށް ބުނެ އިންސްޓަގްރާމްގައި ސްޓޭޓްމަންޓެއް އާއްމުކޮށްފިއެވެ.
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ސަމައި ރައިނާގެ ޝޯ "އިންޑިއާސް ގޮޓް ލެޓެންޓް"ގައި ހުތުރު ބަހުން ބަދު އަޚުލާޤީ މައުޟޫއަކަށް ބިނާކޮށް އޯޑިއަންސާ ސުވާލުތަކެއްކުރި ކަމުގެ މައްސަލައިގައި ބޭރު ޤައުމުތަކުގައި ތިބި ރަންވީރުގެ ސަޕޯޓަރުން ވެސް އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް ބުނަމުންނެވެ.

ރަންވީރު އޭނާގެ ޕޮްޑްކާސްޓު ޝޯއެއްގައި އިންޑިއާގެ ޑރ.ސިދު ވާރިއާއާ އެކު--ފޮޓޯ/ލިންކްޑިން
އާއްމުންގެ ގިނަ ބަޔަކު ބަލާ ރިއަލިޓީ ޝޯއެއްގައި ހުތުރު ބަހުން ހާމަކަން ބޮޑު ގޮތެއްގައި އެ ޝޯގެ ބައިވެރިންނާ ސުވާލުކުރި މައްސަލައާ ގުޅިގެން މަޝްހޫރު ޔޫޓިއުބް ހޯސް އަދި ޕޮޑްކާސްޓަ ހައްޔަރު ކުރުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން ރަންވީރު ދިރިއުޅޭ ގެއަށް ފުލުހުން ދިޔައިރު އޭނާ ގޭގައި ނޫޅޭ ކަމަށާއި އަދި ގުޅިއިރު ފޯނު ވެސް ނިއްވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން ފުލުސް އޮފީހަށް ހާޒިރު ވުމަށް އެންގި ނޯޓިސް އެގޭގައި ހަރުކޮށްފައި ހުރި މަންޒަރު މީޑިއާ ރިޕޯޓަރުންނަށް ފެނިފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މިކަމާ ގުޅިގެން ރަންވީރު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޭނާ ފުލުހުންނަށް ފިލާފައިނުވާ ކަމަށެވެ. މައިންބަފައިންނަށް އަމާޒުކޮށްގެން އިހުތިރާމް ކުޑަ ގޮތަކަށް ކުރެވުނު ސުވާލުތަކާ މެދު އޭނާގެ އަމިއްލަ ނަފުސު ވެސް ލަދުގަންނަ ކަމަށާއި އާއްމުންގެ ފަރާތުން އެކަމަށް މަޢާފަށް އެދޭ ކަމަށް ރަންވީރު ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ރަންވީރުގެ މަންމަ މަސައްކަތްކުރާ ކްލިނިކަށް ބަޔަކު ވަދެ ގެއްލުންދީފައިވާ ކަމަށާއި އޭނާއަށް މަރުގެ އިންޒާރުތައް ވެސް ލިބެމުން އަންނަ ކަމަށް ރަންވީރުގެ ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ.
އެހެންވެ އާއްމުންގެތެރެއަށް ނުކުތުމަކީ މިވަގުތު އެންމެ ރައްކާތެރިގޮތް ނޫންކަމުން އާއްމުންނާ ދުރުގައި އުޅެން ނިންމީ ކަމަށް ރަންވީރު ވަނީ ބުނެފައެވެ. މިކަމުގައި ފުލުހުންނަށް ބޭނުންވާ އެއްބާރުލުން ރަންވީރު އާއި އޭނާގެ ޓީމުގެ ފަރާތުން ދޭނެ ކަމަށާއި އިންޑިއާގެ ޖުޑިޝަލް ސިސްޓަމްއަށް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވަނީ ބުނެފައެވެ.
ރަންވީރުގެ ޕޮޑްކާސްޓު ޝޯތަކުގައި އާއްމުންގެ ގިނަ ބަޔަކު އިހުތިރާމްކުރާ ވަރަށް ގިނަ މެހެމާނުން ވަނީ ބައިވެރިވެފައެވެ.
ހޯސްޓެއްގެ ގޮތުގައި ވަރަށް ގިނަ ބައެއްގެ ލޯބި ހޯދި ރަންވީރުގެ މުޅި ކެރިއަރު އަނދިރިކަމަށް ވައްޓާލީ އަމިއްލައަށް ވިސްނާނުލާ ކުރެވުނު ވަރަށް ތާކުންތާކު ނުޖެހޭ ކަމަކާ ގުޅިގެން ކަމަށް އާއްމުންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ވަނީ ބުނެފައެވެ.