16 Jul 2012, 15:52
ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ވަގުތު މެންބަރުންނަށް ނިޒާމީ މައްސަލަ ނުނެންގެވޭ ގޮތަށް މަޖިލީހުގެ ރައީސަށް ބާރު ލިބިދޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމެޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާންމު ކޮމެޓީއަށް ފޮނުއްވެވި މައްސަލަ ދިރާސާ ކުރެއްވުމަށް ފަހު މަޖިލިހުގެ ގަވާއިދަށް އިސްލާހު ގެންނަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމަނާފައި ވަނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައާއި ރިޔާސީ ބަޔާނަށް ރައްދުދޭ ޖަލްސާގައި ނިޒާމީ މައްސަލަތަކަށް ފުރުސަތު ނުދިނުގެ އިހްތިޔާރު މަޖިލީހުގެ ރައީސް އަށް ލިބިދޭ ގޮތަށެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު ލިބިދޭ ހަމައެކަނި ކޮމެޓީން އެ މައްސަލަ ދިސާރާ ކުރުމަށް ފަހު ފާސްކޮށްފައިވާ ރިޕޯޓްގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގެ ހުވާ ކުރައްވައި ޖަލްސާގައި ވެސް ނިޒާމީ މައްސަލަތައް ވާހަކަފުޅު ދެއްކެވުމުންގެ ފުރުސަތު މެންބަރުންނަށް ނުދިނުގެ އިހްތިޔާރު މަޖިލީހުގެ ރައީސްއަށް ލިބިދެ އެވެ. ކޮމެޓީން އެ ގޮތަށް ފާސްކުރީ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ގެނައުމަށް ފާސްކޮށް، އެ މައްސަލާގެ ރިޕޯޓް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.
ރިޔާސީ ބަޔާން އިއްވާ ވަގުތު ނިޒާމީ މައްސަލަތައް ނުނެގޭ ގޮތަށް އާންމު ކޮމެޓިން ނިންމާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވި ދުވަހަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މަޖިލީހުގައި ކޯޅުން ބޮޑުވި ދުވަހެވެ. އެ ދުވަހު މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގައި ބައެއް މެންބަރުންނަށް އެކިވަރުގެ ހާނިކަވެފައިވާ އިރު، މަޖިލީހުގެ ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.