16 Jul 2012, 16:08
ޕީޕީއެމްގެ ޕާލިމެންޓް ގުރޫޕްގެ ނައިބު ރައީސް އަދި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އިލްހާމު އަހުމަދު ޕީޕިއެމުން ވަކިވެވަޑައިގެންނަވާ އަޑުތައް ގަދަވެފައި ވަނިކޮށް ޕީޕިއެމްގެ އިންތިގާލީ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެޑްރެސް ކުރައްވައި އިއްޔެ ސިޓީއެއް ފޮނުވައިފި އެވެ.
އިލްހާމު ފޮނުވި ސިޓީއާ ގުޅޭ ގޮތުން ޕީޕިއެމްގެ ސެކްރެޓަރީ ޖެނެރަލް ޔުމުނާ މައުމޫނު ސަން އޮންލައިނަށް ފޮނުއްވި މެސެއްޖެގައި ވިދާޅުވެފައި ވަނީ އިލްހާމު އަހުމަދު އިންތިގަލީ ރައީސަށް ސިއްރު ސިޓީއެއް ފޮނުވަފައިވާ ކަމަށާއި އެ ސިޓީގައި ވިދާޅުވެފައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އިންތިގާލީ ރައީސަށް ސިއްރު ސިޓީއެއް ފޮނުވަފައި އެބައޮތް. އޭގައި އޮތް އެއްޗެއް އަދި ނޭނގޭ،" ޔުމްނާ ފޮނުއްވި އެސްއެމްއެސްގައިވެ އެވެ.
އެ ސިޓީއާ ގުޅޭ ގޮތުން އިލްހާމުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ އޭނާ ފޯނު ނިއްވާލާފައި އޮތުމުން ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އަދި ޕީޕީއެމްގެ ރަސްމީ އެއްވެސް ފަރާތަކުން ވެސް އިލްހާމު އެ ޕާޓީން ވަކިވެވަޑައިގެންނަވާ ކަމަށް ދެކެވޭ ވާހަކަތަކަށް އެއްވެސް ކޮމެންޓެއް ވަނީ މިހާތަނަށް ލިބޭ ގޮތް ނުވެފަ އެވެ.
އިލްހާމު ޕީޕިއެމުން ވަކިވެ ވަޑައިގެން ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންނަވާ ކަމުގެ އަޑުތައް ފެތުރެން ފަށާފައިވާތާ މިހާރު ވަނީ ދުވަސްކޮޅެއްވެފަ އެވެ. އަދި އައްޑޫ ސިޓީގައި ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާގައި ޕީޕީއެމްގެ އިސް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވި އިރު އިލްހާމު އެ ޖަލްސާގައި ވެސް ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
އިލްހާމު ވަނީ އަންނަ ބުދަ ދުވަހު ބާއްވާ ފުޓްބޯޅަ އެސޯސިއޭޗަން އޮފް މޯލްޑިވުސް (އެފްއޭއެމްގެ) ރައީސް ކަމަށް ވާދަކުރަން ނިންމަވައިފަ އެވެ. އަދި އެ މަގާމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު ފ. ނިލަންދޫ ދައިރާގެ މެންބަރު އަބުދުލްހަމީދާއި މެދުހެންވޭރު ދާއިރާގެ ޑީއާރުޕީގެ މަޖިލިހުގެ މެންބަރު މިހާރުގެ ވެސް އެފް އޭއެމްގެ ރައީސް އަލީ އާޒިމު ވާދަކުރައްވަ އެވެ.
އިލްހާމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އިލްހާމް ޕީޕީއެމް ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް މަސައްކަތް ކުރެއްްވުމުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރެއްވުމާ ބޮޑު ގުޅުމެއްވެ އެވެ.