ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީން އެ ކުންފުނީގެ 2011 ވަނަ އަހަރުގެ މާލީ ރިޕޯޓް އާންމު ނުކޮށް އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އިއުލާންކޮށްފި އެވެ.

ކުންފުންޏާ ބެހޭ ގާނޫނުގެ 55 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރެއްގެ ވެސް އަހަރީ ޖަލްސާގައި އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓް ހިއްސާ ދާރުންގެ އަޣުލަބިއްޔަތުން ފާސްކުރަން ވާނެ ކަމަށެވެ. އަދި އެ ގާނޫނުގައި ބުނަނީ ކޮންމެ މާލީ އަހަރެއް ނިމޭތާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓުގައި އާންމު ކުރަން ޖެހޭނޭ ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް އެ ރިޕޯޓް އާންމުކޮށްފައެއް ނުވެ އެވެ. ރިޕޯޓް އާންމުނުކޮށްގެން އެ ކުންފުނި ވަނީ ސީއެމްޑީއޭ 30،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.

އެމްޓީސީސީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނަނީ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ 30 ޖުލައި 2012 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ކަމަށެވެ. އަދި އެ ޖަލްސާ އަށް ހުރިހާ ހިއްސާދާރުންނަށް ވަނީ ދައުވަތުދީފަ އެވެ.

އެ އިއުލާނާ ގުޅިގެން ސީއެމްޑީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަހަރީ އާންމު ޖަލްސާ އިއުލާން ކުރަން ޖެހޭނީ އަހަރީ ރިޕޯޓް އާންމު ކުރުމަށް ފަހު ކަމަށެވެ. އަދި އެ ރިޕޯޓުވީ އެންމެ އަވަހަކަށް އާންމު ކުރުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ގާނޫނުގެ ދަށުން އެ ޖަލްސާ އަށް 14 ދުވަހުގެ ނޯޓިސް އެއް މި ދެވެނީ، އެ ނޯޓިސް ދެވޭއިރު އެ ޖަލްސާގެ އެޖެންޑާގައި ހުންނަ ކަންކަމާ ގުޅުން ހުރި މައުލޫމާތު ހުންނަންވާނީ ހިއްސާދާރުންނަށް ލިބިފައި، އެގޮތުން އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން އޮންނަންޖެހޭ، އެހެންވެ އެ ރިޕޯޓު އޮންނަން ޖެހޭނީ ހަމަ 14 ދުވަހުގެ ކުރިން އެވޭލެބަލްވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާވެސް މި ބާއްވަނީ ގާނޫނުގައި ބުނެފައިވާ މުއްދަތައް ވުރެ ފަހުންނެވެ. ގާނޫނުގައި ބުނަނީ ކޮންމެ މާލީ އަހަރެއް ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭނެ ކަމަށެވެ.

އެމްޓީސީސީގެ އެމްޑީ ޑރ. އަހުމަދު އަދުހަމް މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު މިއަދު ހަވީރުގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށެވެ. އެމްޓީސީސީން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނީގެ އަހަރީ ރިޕޯޓް އާންމު ނުކުރެވި ލަސްވަނީ އެމްޓީސީސީގެ 33 ޕަސެންޓް ހިއްސާވާ އެއާޕޯޓްސް އިންވެސްމަންޓްގެ މާލީ ހިސާބުތައް ނުލިބިގެން ކަމަށެވެ.