ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހިފައި ހައްޔަރުކޮށްގެން ގެންގޮސް ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިކަމަށް ގޮވާލައި މިއަދު ނޫސްބަޔާނެއް ނެރެފައި މިވަނީ ރޭ އެމްޑީޕީ އުސްފަސްގަނޑުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ދައުވާއަށް ޝަރީއަތަށް ހާޒިރުވެވަޑައިގެންނެވުމަށް އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެން ކަމަށާއި އެދައުވާ އަނބުރާ ގެންދިއުމަށް ބޭނުންފުޅުވެ ވަޑައިނުގެންނަވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުން ފެށިގެން މިހާތަނަށް ހިނގާފައިވާ އަނިޔާވެރި އަމަލުތަކާއި ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގައި ގާނޫނު އަސާސީ އާއި އާންމު ގާނޫނުތަކާއި އަދި ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެއެޅިގެން ހިލާފަށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ހިންގާފައިވާ ލާއިންސާނީ އަނިޔާތަކުގެ މައްސަލަތަކަށް އެއްވެސް ސަމާލު ކަމެއް ނުދީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަކީ އެކަމުގައި ސިޔާސީ ކުލަ ވަރަށް ބޮަޑަށް ޖެހިފައިވާ ކަމެއް ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާއެއް އުފުލާފައި ވަނީ މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު އާ ދެކޮޅަށް ދައުވާ ނުއުފުލައިފި ނަމަ ޕްރޮސެކިއުޓާ ޖެނަރަލް އެ މަގާމުން ވަކިކުރާނެ ކަމަށް އެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވިތާ 24 ގަޑި އިރުނުވަނީސް ކަމަށެވެ. އަދި ސިޔާސީ ބައެއް ފަރާތްތަކުން ތަކުރާރުކޮށް ހިންގަމުންގެންދާ މަކަރުވެރި ރޭވުންތަކުގެ މަޅީގައި ޖެހިވަޑައިނުގެން ސިޔާސީ ކުލަޖެހިފައިވާ އެ ދައުވާ އަނބުރާ ގެންދަވައި ސާބިތުކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުން މަތީގައި ދެމިހުންނެވުމަށް ވެސް އެމްޑީޕީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލަށް އިސްތިމާސްކޮށްފަ އެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ އެ ދައުވާއާ މެދު ސުވާލުއުފެދޭ ކަމަށާއި އެ ދައުވާއަކީ އެ ޕާޓީގެ 50000 ވަރަކަށް ހާސް މެންބަރުންނާއި ޑިމޮކްރަސީއާ ދެކޮޅަށް ކުރެވޭ ދައުވާއެއް ކަމުގައި ގަބޫލްކުރެވޭ ކަމަށެވެ. އަދި އެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައި ވަނީ ޕީޖީއަށް ނުފޫޒުފޯރުވައިގެން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދުގެ އިތުރުން އެ މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީއާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައާ ގުޅިގެން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރި ތަހުގީގު ނިންމުމަށް ފަހު ރިޕޯޓް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. ސަން އަށް އެނގިފައިވާ ޕީޖީގެ ފަރާތުން ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅާފައި ވަނީ އެޗުއާރުސީއެމްގެ ރިޕޯޓްގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ.