16 Feb 2025, 01:07
އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައި ވަނީ ކުރިން ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ސިޓީގެ ފަރާތުން ވަނީ ފަހަކަށް އައިސް ފެނިގެންދިޔަ އެންމެ ރަނގަޅު އެއް ކުޅުން ފެނިގެން ގޮސްފައެވެ. މިމެޗުގައި ސިޓީގެ ތަރިއަކަށް ވެގެންދިޔައީ ދާދި ފަހުން އެޓީމާއި ގުޅުނު މިސްރުގެ ފޯވަޑް އޮމަރު މަރްމޫޝްއެވެ.
އޭނާ ވަނީ މިމެޗުގައި ސިޓީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑުގެ އިތުރުން ސިޓީގެ ޖާޒީގައި ފުރަތަމަ ހެޓްރިކްވެސް ފުރިހަމަ ކޮށްފައެވެ. މިމެޗުގައި ސިޓީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 19ވަނަ މިނެޓުގައި ކީޕާ އެޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައި ވަނީ މަރްމޫޝްއެވެ. އަދި މިލަނޑު ޖެހިތާ ފަސް މިނެޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ވެސް މަރްމޫޝްއެވެ. މިމެޗުގައި މަރްމޫޝް އޭނާގެ ތިންވަނަ ލަނޑާއެކު ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ މެޗުގެ 33ވަނަ މިނެޓުގައެވެ. މިހާފުގައި ސިޓީއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުޗވެސް ލިބިގެން ގޮސްފައެވެ. މިހާފުގައި ނިއުކާސްލް ފެނިގެންދިޔައީ ސިޓީ ހިފަހައްޓާނުލެވިގެން އުޅުނު ތަނެވެ.
މިމެޗުގެ ދެވަނަ ހާފަށް ނިއުކާސްލް އިން ދެ ބަދަލަކާއެކު ނިކުމެ ފުރަތަމަ ހާފަށް ވުރެ ކުޅުން ރަނގަޅު ކުރި ނަމަވެސް ސިޓީގެ މައްޗަށް މާބޮޑު ކުރި އެރުން ތަކެއް ހޯދުނު ތަނެއް ނުފެނުނެވެ. މިމެޗުގައި ސިޓީއިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 84ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޭމްސް މެކަޓީއެވެ.
މިމެޗުގައި ސިޓީގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު އެޓީމުގެ ކުރީގެ މޮޅު ކުޅުމާއި ގާތް ކުރާ ކަހަލަ ކުޅުމެއް ފެނިގެން ދިޔަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް ހައިރާން ކަމަކަށް ވެގެންދިޔައީ މިމެޗުގައި ސިޓީގެ ޑިފެންސް ލައިނުގައި ރުބެން ޑިއާޒް، މަނުއެއަލް އަކާންޖީ އަދި ނޭތަން އައިކާ ނެތް އިރު މެދުތެރެއިން ކެވިން ޑި ބްރުއިނާ އާއި ބެނާޑޯ ސިލްވާ ވެސް ފުރަތަމަ އެގާރައިގާ ނުކުޅުމެވެ.
ހަމައެއާއެކު މިމެޗުގައި މަރްމޫޝްގެ އިތުރުން ސާވީނިއޯގެ ކުޅުންވެސް ވަރަށް ފާހަގަ ވެގެންދިޔައެވެ. އަދި މުޅި ޓީމުވެސް ޓީމެއްގެ ގޮތުގައި ކުޅުނު ތަން ފެނިގެން ދިޔައެވެ. މިމެޗު ނިމެން ގާތް ވެފައިވަނިކޮށް މިމެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އާލިން ހާލަންޑްގެ ފަޔަށް އަނިޔާވިތަން ފެނިގެންދިޔައެވެ. އަދި މިއާއެކު އޭނާއަށް ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެވޭނެތޯ މިއީ އުފެދިފައިވާ ސުވާލެކެވެ.
މިކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ނިއުކާސްލް އުޅެނީ 41 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. މިމުބާރާތުގައި ތާވަލްގެ ތިން ވަނައިގާ އުޅޭ ނޮޓިންހަމް ފޮރެސްޓް އާއި ފުލަމް ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފުލަމްއެވެ. މިމެޗުގައި ފުލަމްގެ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެމީލް ސްމިތު ރޯ އާއި ކެލްވިން ބަސޭއެވެ.
ފޮރެސްޓްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސް ވުޑްއެވެ. މިއާއެކު ފުލަމް މިވަނީ 39 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ފޮރެސްޓް އުޅެނީ 47 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.